ވިޔަފާރި

ހުޅުމާލޭގެ މަގު ހަދަން 40 މިލިއަން ޑޮލަރަށް އިންޑިޔާ ބޮޑު ދެ ކުންފުންޏަށް

ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަގު ހަދަން 40.3 މިލިއަން ޑޮލަރަށް އިންޑިޔާގެ އެންމެ ބޮޑު ދެ ކުންފުންޏާ ސަރުކާރުން ހަވާލުކޮށްފި އެވެ.

ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަގު ހަދަން 40.3 މިިލިއަން ޑޮލަރު (ގާތްގަނޑަކަށް 621.4 މިލިއަން ރުފިޔާ) އަށް ހަވާލުކޮށްފައިވާ އިންޑިޔާ ދެ ކުންފުންޏަކީ މޯހަމް މުތާ އެކްސްޕޯޓް އާއި އަޝޯކާ ބިލްޑްކޮމް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ އަކަށެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ 18 މަސް ދުވަހުން މަސައްކަތް ނިންމުމަށެވެ. މި މަޝްރޫއުގެ ދަށުން މަގުތައް ތާރުއެޅުމާއި ޔޮޓްމެރީނާއެއް ވެސް ހަދާނެ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ސަރަހައްދުގައި ތާރުއަޅައި މަގުތައް ފައްކާ ކުރުމަށް ހަވާލުކޮށްފައިވާ "އަޝޯކް ބިލްޑްކޮމް" އަކީ އިންޑިޔާގައި މަގު ހެދުމާއި އިމާރާތް ކުރުމަށް އެންމެ މަޝްހޫރު އެއް ކުންފުންޏެވެ. އަޝޯކް ބިލްޑްކޮމްއަކީ 1967ވަނަ އަހަރު އުފެދިފައިވާ ކުންފުންޏެކެވެ. ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް (ޕީޕީޕީ) އުސޫލުން މަގުތައް ހެދުމަށް މަޝްހޫރު މި ކުންފުންޏެވެ. މީގެ އިތުރުން މަގުތަކުގެ މަސައްކަތް ކުރުމުގައި ބައިވެރިވާ އަނެއް ކުންފުނި ކަމަށްވާ "މޯހަން މުތާ އެކްސްޕޯޓް" އަކީ އިމާރާތް ކުރުމަށް ބޭނުންވާ ސާމާނު ސަޕްލައި ކުރުމުގައި އިންޑިޔާގައި ހަރަކާތެރިވާ އެންމެ މަޝްހޫރު އެއް ކުންފުންޏެވެ. ނަވާރަސަތޭކަ ހަތްދިހަ ހަތްވަނަ އަހަރު އުފެދިފައިވާ މި ކުންފުނީގެ ދަށުގައި ބޮޑު ޝިޕިން ލައިނެއް ވެސް ހިންގަ އެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ 245 ހެކްޓަރުގެ ސަރަހައްދުގައި 100،000 މީހުން ދިރިއުޅެން ފައްކާކުރާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.