ކަނޑުމަތީގެ ހާދިސާ

ބޮޑު ސަރަހައްދެއް މިއަދުވެސް ބެލި، ފަތުރުވެރިޔާގެ ހިލަމެއް ނުވޭ!

އިންޓާކޮންޓިނެންޓަލް މޯލްޑިވަސް މާމުނަގައު ރިސޯޓުގައި ސްނޯކަލިންއަށް އެކަނި ގޮސް އުޅެނިކޮށް ގެއްލުނު އަންހެން
ފަތުރުވެރިޔާ ހޯދަން މިއަދުވެސް ބޮޑު ސަރަހައްދެއް ބަަލައިފި އެވެ.

މިދިޔަ ހުކުރު ދުވަހު ގެއްލުން އެ ފަތުރުވެރިޔާ ހޯދަން މިއަދު ވަނީ 54 އަކަ ނޯޓިކަލް ސަރަހައްދެއް ވަނީ ބަލައިފަ އެވެ. އަދި ޑައިވްކޮށްގެން 138،000 އަކަ މީޓަރުގެ ސަރަހައްދެއް ބަލައިފައިވާ ކަަމަށް އެމްއެންޑީއެފްއިން ބުނެ އެވެ. އެ ކަމުގައި ރިސޯޓް އަދި އެމްއެންއެންޑީއެފް ކޯސްޓުގާޑުގައި ހިމެނޭ ޑައިވަރުންވެސް ހަރަކާތްތެރިވެ އެވެ.

އެ މަސައްކަތުގައި ކޯސްޓްގާޑް ކާމިޔާބު ލޯންޗާއި ހާބަރ ކްރާފްޓް ލޯންޗްގެ އިތުރުން ރިސޯޓްގެ ދޯނިފަހަރާއި ލޯންޗް ވަނީ ހަރަކާތްތެރިވެފައެވެ. އަދި ވައިގެ މަގުން ޑޯނިއާ ފްލައިޓްވެސް ވަނީ އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ.

ފަތުރުވެރިޔާގެ ހިލަމެއް ވޭތޯ ބެލުމަށް ރިސޯޓް ކައިރީގައި ހުރި ފަޅުރަށްތައްވެސް ވަނީ ބަަލައިފަ އެވެ. ނަމަވެސް ފަތުރުވެރިޔާގެ އެއްވެސް ހިލަމެއް ނުވާކަމަށް އެމްއެންޑީއެފް ބުނެ އެވެ.