އުރީދޫ

އުރީދޫ އޭޖީއެމް އަންނަ މަހު ދެވަނަ ދުވަހު

Feb 16, 2021

އުރީދޫ މޯލްޑިވްސްގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހުގެ ދެވަނަ ދުވަހު ބާއްވަން ނިންމައި، އެކަން އިއުލާނު ކޮށްފި އެވެ.

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓް ކޮށްފައިވާ ހަމައެކަނި މަލްޓިނޭޝަނަލް ކުންފުނި ކަމަށްވާ އުރީދޫ މޯލްޑިވްސް އިން ބުނި ގޮތުގައި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ އޮންނާނީ ދެވަނަަ ދުވަހުގެ ރޭގަނޑު 8:30 ގައި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއެސްޑީ) ގެ އޮންލައިން ޖެނެރަލް މީޓިން މެނޭޖްމަންޓް ސިސްޓަމް "ފަހިވޯޓު" މެދުވެރިކޮށް ކަމަށެވެ.

އަހަރީ އާއްމު ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 28 ވަނަ ދުވަހުގެ 8:30 ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ޖަލްސާގެ އެޖެންޑާގައި ހިމެނޭ ބައިތައް

  • ޗެއާމަންގެ ވާހަކަފުޅު ދެއްކެވުން
  • މިދިޔަ އަހަރު ބޭއްވި އޭޖީއެމްފެ ޔައުމިއްޔާ ފާސްކުރުން
  • މެނޭޖިންގ ޑިރެކްޓަރުގެ ވާހަކަފުޅު ދެއްކެވުން
  • 2020 ގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުން
  • 2020 ގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސް ކުރުން
  • 2021 އަށް ރއޮޑިޓަރުން އައްޔަންކޮށް އުޖޫރަ ފާސްކުރުން
  • 2020 ގެ ޑިވިޑެންޑުަށް ބަހާނެ ފައިސާ ކަނޑައަޅައި ފާސްކުރުން
  • ހިއްސާދާރުންގެ މަޝްވަރާކުރުން

އުރީދޫން ވަނީ މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތުހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވުމަށް ފަހު "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަން ކުރާނަމަ "ޕްރޮކްސީ ފޯމު" ފުރުމަށް ފަހު ހުށަހަޅަން އެދިފަ އެވެ.

އަހަރީ އާއްމު ޖަލްސާ ބާއްވަން އުރީދޫ ތައްޔާރުވެފައިވާއިރު، މިދިޔަ އަހަރުގެ ފައިދާއިން އެ ކުންފުނިން ވަނީ ހިއްސާއަކަށް 2.34 ރުފިޔާ ބަހަން، އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅަން ޑިރެކްޓަރުންގެ ބޯޑުން ނިންމާފަ އެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ފޯނާއި އިންޓަނެޓުގެ ހިދުމަތްދޭ އުރީދޫއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 407 މިލިއަން ރުފޔާ ލިބިފައިވެ އެވެ.

އުރީދޫއަކީ މިހާރު ދިވެހި ގިނަ ބައެއްގެ ހިއްސާވާ ކުންފުންޏެވެ. އެ ކުންފުންޏަށް ދިވެހިންގެ ހިއްސާ ލިބިގެން ދިޔައީ އާއްމުނަށް 9.5 ޕަސެންޓް ހިއްސާ ވިއްކުމުންނެވެ. އަދި ބާކީ އޮތް 90.5 ޕަސެންޓު ހިއްސާ ވަނީ އުރީދޫގެ މައި ކުންފުނި، ވަތަނިއްޔާ އިންޓަނޭޝަނަލް އެވެ.