ގާސިމް އިބްރާހިމް

މިދިޔަ އަހަރު އެކީ ގާސިމް ހުންނެވީ ސަލާމުގައި

ރައްޔިތުންގެ މާމިގިގިލީ ދާއިރާގެ މެމްބަރު އަދި ސަރުކާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަޖިލީހަށް ހާޒިރުވެވަޑައި ނުގަންނަވާތާ އެތައް މަހެއް ވެއްޖެ އެވެ.

މިއަދު މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގެ މެމްބަރުންގެ ސަލާން މާ ގިނަވެފައިވާތީ އެ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

އެންމެ ސަލާމް ގިނަ މެމްބަރުގެ ގޮތުގައި ރައީސ ނަޝީދު ފާހަގަ ކުރެއްވީ ގާސިމެވެ. ވިދާޅުވީ ގާސިމް މިދިޔަ އަހަރު އެކީހެން ހުންނެވީ ސަލާމުގައި ކަަމަށާއި އަދި މި އަހަރު މިހާތަނަށް ވެސް ހުންނެވީ ސަލާމުގައި ކަަމަށެވެ. ނަމަވެސް ގާސިމް ސަލާމުގައި މިވީހާ ދުވަހު ހުންނެވި ސަބަބެއް ހާމައެއް ނުކުރައްވަ އެވެ.

ގާސިމްއަށް ފަހު ދެން އެންމެ ގިނަ ދުވަހު ސަލާމްގައި ހުންނަވަނީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ. މި އަހަރު ފެށުނު ފަހުން އެއްވެސް ޖަލްސާއަކުން ޝިޔާމް ފެނިފައެއް ނުވެ އެވެ. އޭގެ ސީދާ ސަބަބެއްވެސް ނޭނގެ އެވެ. މަޖިލީހުގެ ހާޒިރީގެ އެންމެ ފުލުުގައި އޮންނަ މެމްބަރުންގެ ލިސްޓުގައި މީގެ ކުރިން އެތައް ފަހަރަކު ޝިޔާމް ހިމެނިފައި ވެއެވެ.

ދެން ސަލާން ގިނަ ލިސްޓުގައި ހިމެނިވަޑައިގަންނަވަނީ ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު އެވެ. ނަަމަވެސް ހުސައިން ވަހީދު ސަލާމުގައި ހުންނަވަނީ ބަލިވެ އުޅުއްވާތީކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވި އެވެ.