ހަބަރު

ދެ ދައުރު ބޭނުންވާކަމަށް ބުނުމުން އިދިކޮޅުގެ ފާޑުކިއުން

Feb 16, 2021
3

ރާއްޖެއަށް ފުރިހަމަ ތަރައްގީ ގެންނަން ރައީސްކަމުގެ ދެ ދައުރު ފުރިހަމަ ކުރަން ފުރުސަތު ދޭންޖެހޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވި ވާހަކަފުޅަށް އިދިކޮޅުގެ ފާޑުކިއުން އަމާޒުވެއްޖެ އެވެ.

"ރާއްޖެޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މަބްރޫކް ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު މިހާރު ހިނގާ ގޮތުން ތަރައްގީ ގެނައުމުގައި ލަސްތަކެއް ކުރިމަތިވާ ކަމަށެވެ.

މިގޮތުން ފަސް އަހަރުގެ އެއް ދައުރަށްވުރެ ދިގު ކޮށް މިހާތަނަށް އައިރު ރާއްޖޭގެ ޑިމޮކްރަސީގައި ވެރިކަން ކުރެވިފައި ނުވާއިރު، މި މުއްދަތަކީ ތަރައްގީ ގެނައުމަށް އެންމެ އެކަށީގެންވާ މުއްދަތެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭގޮތުގައި ރައީސްކަމުގެ ދެ ދައުރު ފުރިހަމަކޮށްގެން ނޫނީ ތަރައްގީ އެންމެ ފުރިހަމަގޮތުގައި ނުގެނެވޭނެ. އަޅުގަނޑުމެންނަށް މިއަދު މިފެންނަނީ އެންމެ ދިގު މުއްދަތަކަށް ވެސް ވެރިކަމުގައި ހުންނެވުނީ ފަސް އަހަރަށްކަން. މި ފަސް އަހަރުގެ ތެރެއިން ފުރަތަމަ އަހަރު ވެރިކަމުގެ ސިސްޓަމްއަށް އަހުލުވެރިވުމަށް ނަގާއިރު ފަހު އަހަރު ކެމްޕޭންކުރުމަށް މިދަނީ. ޑެލިވަރީއަށް ދޭ މުއްދަތު ވަރަށް ކުޑަ އެހެންނޫންތޯ،" މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކްގެ ވާހަކަފުޅަށް ރައްދު ދެއްވައި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ރާއްޖެ މިހާތަނަށް ނުދެކޭހާ ލަސް އަދި ވިސްނުންކޮށި ބޭފުޅެއްކަން މިވީހާތަނުން ސާބިތުވެފައިވާ ކަމަށެވެ.

"ރައްޔިތުންނަށް ހެޔޮއެދޭނަމަ އެގްޒިޓް ޕްލޭންކުރައްވާ. އިތުރަށް ފަސް އަހަރަށް ރައްޔިތުންނަށް ވޭންދިނުމަކީ އޯގާތެރި ސިފައެއްނޫން،" ރައީސް ސޯލިހަށް އަމާޒު ކުރައްވައި، ޖަމީލް ވިދާޅުވި އެވެ.