ފުވައްމުލައް

ފުވައްމުލަކު ނެރުތައް ބަންދު ކުރަނީ

ޏ. ފުވައްމުލަކުގެ ނެރުތައް ބަންދު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ލަފާފުރުމަށް ދަތި އެންމެ ރަށެއްގެ މައްޗަށް އެކުލެވޭ ޏ. އަތޮޅު ފުވައްމުލަކުގައި 8 ނެރެއް ހަދާފައިވެއެވެ. އެއީ މަސްވެރިން އުޅަނދު ފަހަރު ވަދެ ނިކުމެ ހެދުމަށެވެ. ނުރައްކާތެރި އެތަށް ހާދިސާތަކެއް އެ ނެރުތައް ހިމެނޭ ސަރަހައްދުތަކުގައި ހިނގާފައިވެއެވެ. މީގެ ކުރިން ހަތަރު ނެރެއް ވަނީ ބަންދުކޮށްފައެވެ. ބާކީ ހަތަރު ނެރު ބަންދު ކޮށް ދިނުމަށް ސަރުކާރުގައި އެދިފައިވާތާ ކިތަންމެ ދުވަހެކެވެ.

އަލުން އެ އަޑުތައް ގަދަވީ މިދިޔަ މަހުގެ ނުވަވަނަ ވަނަ ދުވަހު ފުވައްމުލަކު މާނޭރެ އަތިރި ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށް އޮޔާ ދަމައިގަނެ ގެނބެމުން ދިޔަ ކުޑަ ދެ އަންހެން ކުދީން ސަލާމަތް ކުރަން މަސައްކަތް ކުރި އަހުމަދު ފައުޒާން މަރުވުމާއި ގުޅިގެންނެވެ.

އެމްޑީޕީގެ ކެންޕެއިންޓީމުތަކާއި ކެންޑިޑޭޓުންނާ ބައްދަލުކުރުމަށް މިރޭ އޮންލައިން ކޮށް ބޭއްވި ބައްދަލްވުމެއްގައި ރައީސް ވިދާޅުވީ އެ މަސައްކަތް އެމްޓީސީސީ ވަރަށް އަވަހަށް ހަވާލު ކުރާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ މަސައްކަތް ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.

"ނެރުތައް ބަންދު ކުރުމަށް އެމްޓީސީސީން މިހާރު ކޯޓޭޝަނެއް ހޯދާ އެ މީހުންނާ ހަވާލު ކުރުމުގެ މަސައްކަތް އެ ދަނީ. އެހެންވީމަ ދާދި އަވަހަށް އެ މަސައްކަތް ފެށިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް މިރޭ ވަނީ ފުވައްމުލަކު ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްގީގެ އެކި މަސައްކަތްތަކާއި ގުޅޭ ތަފްސީލް މައުލޫމާތު ހިއްސާ ކުރައްވާފައެވެ.