އެމްބިއުލާންސް ނެތް ރަށްރަށަށް އެމްބިއުލާންސް ހޯދުމުގެ މަސައްކަތް އަންނަ މަހު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ކެންޕެއިންޓީމުތަކާއި ކެންޑިޑޭޓުންނާ ބައްދަލުކުރުމަށް ރޭ އޮންލައިން ކޮށް ބޭއްވި ބައްދަލްވުމެއްގައެވެ. ކ. އަތޮޅާ ފުވައްމުލަކުގެ ކެންޕެއިންޓީމުތަކާއި ކެންޑިޑޭޓުންނަށް ހާއްސަކުރި ބައްދަލްވުމުގައި ކެންޕެއިން ޓީމުތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާ އެ ކަންބޮޑުވުންތަކަށް ރައީސް ވަނީ ޖަވާބު ދެއްވަވާފައެވެ.
ބައެއް ޓީމުތަކުން ވަނީ އެ ރަށްރަށުގައި އެމްބިއުލާންސް ހަލާކުވެފައި އޮތުމުގެ ޝަކުވާތައް ކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެމްބިއުލާސް ހޯދުމުގެ މަަސައްކަތް ހިނގަމުންދާ ކަމަށެވެ. އެ މަސައްކަތް އަންނަ މަހު ފައްޓަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން އެންމެ އިސްކަން ދެއްވާ އެއް ކަމަކީ ސިއްހީ ނިޒާމު ހަރުދަނާ ކުރުން ކަމަށެވެ. މާލެއެކޭ އެއްގޮތަށް އަތޮޅުތެރޭގެ ރަށްރަށުގައިވެސް ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސަވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. އެ މަސައްކަތުގެ ދަށުން ފަސް ސަރަަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ހަދާ ނިމިފައިވާ ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.