ގާސިމް އިބްރާހިމް

"ގާސިމް ހުންނެވީ ދަތުރުފަތުރުގެ ލުޔެއްގެ އިންތިޒާރުގައި"

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މާލެ ވަޑައިނުގެން މަޖިލީހަށް ސަލާން ވިދާޅުވެފައި ސަން އައިލެންޑް ރިސޯޓުގައި ހުންނެނެވީ މާލޭގައި ކޮވިޑުގެ ހާލަތު އޮތްގޮތުން މި ވަގުތަށް އެންމެ ރައްކާތެރި ގޮތަކީ އެއީ ކަމަށް ފެނިވަޑައިގަންނަވާތީ ކަމަަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގެ މެމްބަރުންގެ ސަލާން މާ ގިނަވެފައިވާތީ އެ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

އެންމެ ސަލާމް ގިނަ މެމްބަރުގެ ގޮތުގައި ރައީސ ނަޝީދު ފާހަގަ ކުރެއްވީ ގާސިމެވެ. ވިދާޅުވީ ގާސިމް މިދިޔަ އަހަރު އެކީހެން ހުންނެވީ ސަލާމުގައި ކަަމަށާއި އަދި މި އަހަރު މިހާތަނަށް ވެސް ހުންނެވީ ސަލާމުގައި ކަަމަށެވެ. ނަމަވެސް ގާސިމް ސަލާމުގައި މިވީހާ ދުވަހު ހުންނެވި ސަބަބެއް ހާމައެއް ނުކުރައްވަ އެވެ.

އެކަމާއި ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާއި ގުޅިގެން އެ ޕާޓީން ބުނީ ކޮވިޑު ނެތް ސަރަހައްދެއްގައި ހުރެފައި ކޮވިޑް އޮތް ސަރަހައްދަކަށް އައިސްގޮސްވުމުގައި ސަމާލުވާން ޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށާ މިދަނޑިވަޅުގައި އެންމެނަށްވެސް އެންމެ ރައްކާތެރި ހެޔޮގޮތަކީ އެމީހަކު ހުރި ތަނެއްގައި ހުރުންކަމަށް ގަބޫލުކުރައްވާތީ ގާސިމް އިބްރާހިމް ސަން އައިލެންޑްގައި މަޑު ކުރައްވަނީ ކަމަށެވެ.

"މިއީ ސިއްހީގޮތުން ގައުމުގައި ކުއްލި ހާލަތު އިއުލާންކޮށްފައިވާ ވަގުތެއް ކަމުން ގާސިމް ބައްލަވަމުން ގެންދަވަނީ އެންމެނަށް ވެކްސިން ލިބި ގައުމުގެ ހާލަތު އާދައިގެ ހާލަތަކަށް ބަދަލުވެ އެއްތަނުން އަނެއް ތަނަށް ދަތުރުފަތުރު ކުރުމުގައި މިހާރު ހުރި ހުރަސްތަކަށް ލުއި ލިބޭނޭ ދުވަހަކަށް. އުންމީދަކީ ވީހާވެސް އަވަހަށް ހާލަތު ބަދަލުވުން،" ޖުމްހޫރީ ޕާޓީން ބުންޏެވެ.

ގާސިމްއަށް ފަހު ދެން އެންމެ ގިނަ ދުވަހު ސަލާމްގައި ހުންނަވަނީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ. މި އަހަރު ފެށުނު ފަހުން އެއްވެސް ޖަލްސާއަކުން ޝިޔާމް ފެނިފައެއް ނުވެ އެވެ. އޭގެ ސީދާ ސަބަބެއްވެސް ނޭނގެ އެވެ. މަޖިލީހުގެ ހާޒިރީގެ އެންމެ ފުލުުގައި އޮންނަ މެމްބަރުންގެ ލިސްޓުގައި މީގެ ކުރިން އެތައް ފަހަރަކު ޝިޔާމް ހިމެނިފައި ވެއެވެ.

ދެން ސަލާން ގިނަ ލިސްޓުގައި ހިމެނިވަޑައިގަންނަވަނީ ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު އެވެ. ނަަމަވެސް ހުސައިން ވަހީދު ސަލާމުގައި ހުންނަވަނީ ބަލިވެ އުޅުއްވާތީ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.