ހަބަރު

ކެންސަރު ޖެހިދާނެ! ތައްޔާރީ މަހުގެ ބާވަތްތައް ކެއުން މަދުކުރޭ: އެޗްޕީއޭ

  • ތައްޔާރީ މަސް ކެއުމުން ކެންސަރު ޖެހުމަށް 18 ޕަސެންޓް މަގުފަހުވޭ
  • ތާޒާ މަސް ފިނިކޮށްގެން ކެއުމުން ކެންސަރަށް މަގުފަހި ނުވޭ
  • ތަރުކާރީ އާއި މޭވާ ކެއުން ގިނަ ކުރަން ޖެހޭ

ސޮސެޖް ފަދަ ތައްޔާރީ މަހުގެ ބާވަތްތައް ކެއުމުގެ ސަބަބުން ކެންސަރު ޖެހުމަށް ވަރަށް ބޮޑަށް މަގުފަހުވާތީ އެފަދަ ބާވަތްތައް ކެއުން މަދު ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިއުއެޗްއޯއިން މިފަހުން ނެރުނު ދިރާސާގެ މައްޗަށް ރިއާޔަތް ކޮށް ނެރުނު ބަޔާނެއްގައި ބުނީ، މަހުގެ ބާވަތްތައް ގިނަ ދުވަހަށް ބެހެއްޓުމަށް ޓަކައި ލޮނުއެޅުމާއި ދިލަޖެއްސުމާއި ފާމެންޓް ކޮށްގެން ތައްޔާރު ކޮށްފައި ހުންނަ މަހުގެ އެކި ބާވަތްތަކުގައި ހަށިގަނޑަކަށް ބޭނުން ނުވާ ކެމިކަލްތަކާއި ކުލަ އާއި ރަހަ ޖެއްސުމަށް ބޭނުން ކުރާ އެކި ވައްތަރުގެ ކެމިކަލްތައް ގިނަ އަދަދަކަށް ހިމެނޭ ކަމަށެވެ. އަދި 50 ގްރާމްގެ ތައްޔާރީ އެއްގަމު މަސް ދުވާލަކު ކާނަމަ، ކެންސަރު ޖެހުމަށް 18 ޕަސެންޓް މަގުފަހިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނި މިފަހަކަށް އައިސް ރާއްޖޭގައި ސޮސެޖް ފަދަ ތަކެތި ކެއުން އާންމުވެފައިވާ ކަމަށެވެ. އަދި އެފަދަ ތަކެތި ގިނަ އަދަދަކަށް ކުޑަކުދިންނަށް ދޭކަން ފާހަގަ ކުރަމުން އެޗްޕީއޭއިން ބުނީ ކުޑަކުދިންނަށް ވެސް މިފަދަ ތައްޔާރީ އެއްގަމު މަހުގެ ބާވަތްތައް ދިނުން މަދު ކުރުމަށް ބެލެނިވެރިންނަށް އިލްތިމާސް ކުރާ ކަމަށެވެ.

"... ސޮސެޖް ފަދަ ބާވަތްތައް ބޭނުން ކުރެވޭ މިންވަރު މުޖުތަމައުގައި އިތުރުވަމުން ދާތީ، މިކަމަށް އާންމުން ސަމާލުވެ މިފަދަ ބާވަތްތައް ކެއުން މަދުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީންނާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ލަފާދެ އެވެ. އަދި ތުއްތު ކުދިންނަށް ޕްރޮސެސް ކުރެވިފައިވާ މިފަދަ އެއްގަމު މަހުގެ ބާވަތްތައް ދޭ މިންވަރު މަދުކުރުމަށް ބެލެނިވެރިން ހާއްސަ ސަމާލުކަމެއް ދެއްވުމަށް ވެސް ދަންނަވަމެވެ،" އެޗްޕީއޭ އިން ބުންޏެވެ.

މީގެ އިތުރުން ތައްޔާރީ ކާނާގެ އެކި ބާވަތްތައް ކެއުމުގައި ބަދަލުގައި ކެއުމުގައި ތަރުކާރީ އާއި މޭވާގެ ބާވަތްތައް އިތުރުކޮށް ކާތަކެތި ތައްޔާރު ކުރުމާއި އެފަދަ ބާވަތްތައް ކެއުން ގިނަ ކުރުމަށް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ.

ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު ބާވަތްތައް؛

  • ސޮސެޖް
  • ފްރޭންކް ފާޓާސް
  • ސަލާމީ
  • ހޭމް
  • ކޯންޑް ބީފް
  • ބިލް ޓޮންގް
  • ޖާކީ
  • އެއްގަމު މަހުން ތައްޔާރުކޮށްފައި ހުންނަ ސޯސް އާއި ދަޅުގައި ބަންދުކޮށްފައި ހުންނަ އުފެއްދުންތައް

ޑަބްލިއުއެޗްއޯގެ ދިރާސާއިން ދައްކާ ގޮތުގައި ތައްޔާރީ މަހުގެ އިތުރަށް، ރަތް ކުލައިގާ ހުންނަ އެއްގަމު މަހުގެބާވަތްތައް ކެއުމުން ވެސް ކޮންމެވެސް ވަރަކަށް ކެންސަރު ޖެހުމަށް މަގުފަހި ކުރެ އެވެ. އޭގެ ތެރޭގައި ގެރިމަހާއި ބަކަރި މަސް އަދި ކަންބަޅި ފަދަ ބާވަތްތައް ހިމެނެ އެވެ. އެބާވަތްތަކުން ކެންސަރަށް މަގުފަހި ކުރަނީ ގިނަ އަދަދަކަށް އެ ބާވަތްތައް ބޭނުން ކުރުމުންނެވެ.

މިފަދަ ބާވަތްތަކުން އާންމު ގޮތެއްގައި ޖެހެނީ ގޮހޮރުގެ ކެންސަރާއި ޗިސްމޭގެ ކެންސަރު އަދި ޕްރޮސްޓޭޓް ކެންސަރެވެ.

ދިރާސާ އިން ދައްކާ ގޮތުގައި ކުކުޅާއި ސީނު ކުކުޅު އަދި ޓާކީ ފަދަ ދޫނީގެ މަސް ކެއުމަކުން ކެންސަރަށް ޖެހުމަކަށް މަގުފަހި ނުކުރެ އެވެ. އަދި ތާޒާ މަސް ފިނިކޮށްގެން ކެއުމަކުން ވެސް ކެންސަރަށް މަގުފަހި ނުވާ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެ އެވެ.