ހަބަރު

ހިމާޔަތް ކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދެއް

ހިމާޔަތްކުރެވިފައިވާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދެއް އެންވަޔަރަމެންޓް މިނިސްޓްރީން އެކުލަވާލައިފި އެވެ.

އަލަށް އެކުލަވައިލި "ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިތޭ ތަކެއްޗާ ބެހޭ" ގަވާއިދުގެ ދަށުން
ހިމާޔަތްކޮށްފައިވާ ދިރޭ ތަކެއްޗާމެދު އަމަލުކުރަމުން ގެންދަން ޖެހޭނީ ގަވާއިދުގައި ބުނާ ގޮތަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިގަވާއިދުގައި ހިމާޔަތްކުރާ ތަކެއްޗަށް މެނޭޖްމަންޓް ޕްލޭން ހެދުމާއި، ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ލިސްޓެއް އެކުލަވައިލުމާއި، ހިމާޔަތް ކުރާ ދިރޭތަކެތި ބަލަހައްޓާ ތަންތަން ރަޖިސްޓްރީ ކުރުމުގެ އިތުރުން އެތަކެތި ދިރާސާކުރުމާބެހޭ އިޖުރާއަތްތައް ހިމެނެއެވެ.

މި ގަވާއިދުގެ ދަށުން ހިމާޔަތްކޮށްފައިވާ އެއްވެސް ދިރޭ އެއްޗަކަށް ގޯނާ ކުރުން ނުވަތަ މަރައިލުން އަދި އެތަކެތި ދިރިއުޅޭ ތަންތަނަށް ގޯނާ ކޮށް ގެއްލުމެއް ދިނުމަކީ މަނާ ކަމެކެވެ.

މި ގަވާއިދުގައި ބުނަނީ އެފަދަ އެއްވެސް އަމަލެއް ހިންގައިފި ނަމަ 30،000 އާއި 50،000 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށެވެ.