ހަބަރު

ކިނޮޅޮހުގައި ކުނި މެނޭޖްކުރަން ބީއެމްއެލްގެ އެހީ

ރ. ކިނޮޅޮހުގައި ކުނި މެނޭޖް ކުރަން ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ބީއެމްއެލް އިން ބުނީ އެރަށު މީހަކު ހުށަހެޅި ޕްރޮޕޯސަލްއެއްގައި މި ޕްރޮކެޖްޓްގެ ދަށުން އެރަށުގައި ކުނި މެނޭޖްކުރުމަށް ފަސް ސަރަހައްދެއްގައި އެކި ބާވަތުގެ ކުނި އެޅުމަށް ބަހައްޓާފައިވާ ކަމަށެވެ.

މީގެ ކުރިންވެސް އެރަށު ކައުންސިލުން އައީ ހުރިހާ ގޭބިސީއަކުން ކުނި ނަގައި ކުނި މެނޭޖްކުރަމުން ކަމަށާއި އެހެންނަމަވެސް ރަށުގެ އާންމު ތަންތަނުގައި ކުނި މެނޭޖްކުރުމަށް ހުރި ގޮންޖެހުންތަކަށް މިހާރު ހައްލެއް ގެނެސްފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

"ބަނދަރުސަރަހައްދާއި އާންމު ތަންތަނުގައި އުފެދޭ ކުނިތައް ވަކިކޮށް އެ ކުނި އެޅުމަށް ޑަސްބިން ބެހެއްޓިގެން ދިޔުމާއެކު މިރަށުގެ ކުނި މެނޭޖްކުރުމަށް މިވަނީ ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިފައި" މި ޕްރޮޖެކްޓަށް ޕްރޮޕޯސަލް ހުށަހެޅި ވާފިރު އަހުމަދު ބުންޏެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީ ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް އަދިވެސް އޮތީ ހުޅާލައިފަ އެވެ. އަންނަ މާޗް މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް މި ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.