ގަރާޖެއްގެ ޝަރުތު ފުރިހަމަނުވާ ތަނެއްނަމަ އެ ތަނަކަށް ވެހިކަލް ރަޖިސްޓަރީ ކޮށްދީފައި ނުވާނެ ކަމަށް ޓްރާސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.
އެ އޮތޯރިޓީން މިހެން ބުނެފައިވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ކޮންސަލްޓެންޓް ޑރ. ސިމާދު ސައީދު ދެއްކެވި ވާހަކަތަކާއި ގުޅޭ ގޮތުން ނެރުނު ބަޔާނެއްގައެވެ. ސިމާދު ވަނީ ވެހިކަލް ރަޖިސްޓްރީ ކޮށްދިނުމުގައި ހިޔާނާތަށް މަގުފަހިވާ ކަންތައްތަކެއް ހިންގަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އެ ނޫންވެސް ޓްރާސްޕޯޓް ތެރޭގައި ހިންގަމުންދާ އުސޫލުން ބޭރު ގިނަ ކަންތައްތަކެއް ވަނީ ފާހަގަކޮށްފައެވެ.
ޓްރާސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގަމުންދާ ޓްރާސްޕޯޓް އޮތޯރިޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދުގައިވާ ގޮތުން ގްރޭޓާ މާލެ ސަރަހައްދަށް ވެހިކަލް ރަޖިސްޓަރީ ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށައަޅާ އެޕްލިކޭޝަންތަކާއިއެކު ވެހިކަލް ބާއްވާނެ ގަރާޖެއްގެ ހުއްދަ އޮންނަން ޖެހޭނެކަމަށް ބުނެފައިވާތީ ވެހިކަލް ރަޖިސްޓްރީ ކޮށްދިނުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ބަލަނީ މާލޭ ސިޓީ ކައުންސިލުން ނުވަތަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކުރާ ހުއްދައެއްގެ މައްޗަށް ކަމަށެވެ.
މާލެ ސަރަހައްދަށް ރަޖިސްޓަރީ ކުރާ ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންތައްތަކެއް ހިނގާކަމަށް ފާހަގަކުރެވި އެފަދަ ޝަކުވާތަކެއް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ލިބެމުންދާތީ 2019 ވަނަ އަހަރުން ފެށިގެން ވެހިކަލް ބާއްވާ ގަރާޖަކީ ރަނގަޅުތަނެއްތޯ ބެލުމަށްޓަކައި ޓްރާސްޕޯޓް އޮތޯރިޓީން ބަލާ ޗެކްކުރަމުންދާ ކަމަށެވެ. އަދި އެ އޮތޯރިޓީން ޗެކް ކުރާއިރު އެތަނަކީ ގަރާޖަކަށް ނުވާނަމަ ނުވަތަ ގަރާޖެއްގެ ޝަރުތު ފުރިހަމަނުވާ ތަނެއްނަމަ އެތަނަކަށް ވެހިކަލް ރަޖިސްޓަރީ ކޮށްދީފައި ނުވާނެ ކަމަށެވެ.
"އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން، ދައްކަވާފައިވަނީ މިހާރު ކަންހިނގަމުންދާ ގޮތާއި ކަނޑައެޅިގެން ހިލާފު ވާހަކަތަކެއް ކަމުގައި ދަންނަވަން،" ޓްރާސްޕޯޓްގެ ބަޔާނުގައިވެއެވެ.