ވަރުގަދަ، ގްރޫޕް މާރާމާރީއެއް ހިންގައި މި މަހުގެ 8 ވަނަ ދުވަހުގެ ރޭ މަރާލި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔުގެ ޕޯސްޓްމޯޓަމް ހެދުމަށްފަބު އޭނާގެ ހަށިގަނޑު އިންޑިއާއިން ރާއްޖެ ގެނެސްފި އެވެ.
ފުލުހުން ދެންމެ ބުނީ އުދައްޔުގެ ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު އިންޑިއާއަށް ގެންގޮސް ޕޯސްޓްމޯޓަމް ހެދުމަށް ފަހު މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށެވެ. ހަށިގަނޑު އެ ގައުމަށް ގެންދިޔައީ މި މަހުގެ 15 ވަނަ ދުވަހު އެވެ. ޕޯސްޓްމޯޓަމް ހަދާފައިވަނީ ޓްރިވެންޑްރަމްގައި ހުންނަ މެޑިކަލް ކޮލެޖްގެ ހޮސްޕިޓަލުންނެވެ.
ގއ. މާމެންދޫގައި މި މަހުގެ 8 ވަނަ ދުވަހުގެ ރޭ 11:00 ޖެހި އިރު ޒަހަމް ކޮށްލައި އަނިޔާވެރި ގޮތަކަށް މަރާލީ އަހުމަދު އުދައްޔުގެ މަރުގެ ތުހުމަތަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ދިވެހި ތިން ފިރިހެނަކު ކަމަށެވެ. އެއީ 27 އަހަރުގެ މީހަކާއި 23 އަހަރު އަދި 18 އަހަރުގެ މީހެކެވެ. މާމެންދޫ މަރާއި މާރާމާރީއާ ގުޅިގެން ފުލުހުންގެ ސީރިއަސް އެންޑް ކްރައިމް ޑިޕާޓްމަންޓުން ވަނީ ތަހުގީގު ފަށައި އެ ރަށަށް ޓީމެއްވެސް ފޮނުވާފަ އެވެ.
ގއ. ވިލިނގިލީ އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފު އަހްމަދު ވިދާޅުވި ގޮތުގައި އުދައްޔު އެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފަ އެވެ. އޭނާގެ ބުރަކައްޓަށް ވަޅީން ގިނަ ހަމަލާދިނުމުގެ ސަބަބުން ފުން ޒަހަމްތަކެއް އަދި އެއްތަނަކަށް އެތައް ފަހަރަކު ވަޅި ޖަހާފައި ވެއެވެ. މި މާރާމާރީގައި އުދައްޔުގެ ބޭބެވެސް ވަނީ ޒަހަމްކޮށްފައެވެ. އޭނާގެ ހާލު މިހާރު ރަނގަޅެވެ.