މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންތަކެއް "ކޮށާލާނެ" ބުނި މީހަކު ހައްޔަރުކޮށްފި

އިދިކޮޅު ހަރަކާތްތަކުގެ ވާހަކަތަކަށް އިސްކަންދީފައި އޮންނަ ޗެނަލް-13 އިން ގެނެސްދިން އިންޓަވިއުއެއްގައި ފުލުހުންނަށް އިންޒާރު ދިން މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ހައްޔަރު ކޮށްފައި ވަނީ އުމުރުން ގއ. ކޮލަމާފުށި، އަރާކުރި، އުމުރުން 51 އަހަރުގެ އަބްދުއްސަމަދެވެ. އޭނާ ހައްޔަރު ކުރީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ޗެނަލް 13 އިން ގެނެސްދިން ލައިވް އިންޓަވިއުއެއްގައި ފުލުހުންތަކަކަށް ނިސްބަތްކޮށް "އެ ފުލުހުންތައް ކޮށާލާނެ" ކަމަށް ބުނެ އިންޒާރުދީ ބިރުދެއްކި މައްސަލާގައި ކަމަށް އޭނާ ހައްޔަރު ކުރަން ކޯޓުން ނެރުނު އަމުރުގައިވެއެވެ.

ފުލުހުން ބުނީ ފުލުހުންނަށް ހެކިބަސްދޭ މީހުންނަށް އިންޒާރުދީ ބިރުދެއްކި މައްސަލާގައި ކޯޓް އަމުރެއްގެ ދަށުން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަަށެވެ. މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށްވެސް ބުންޏެވެ.

އަބްދުއްސަމަދު އެ މޭރުމުން ވާހަކަ ދެއްކީ މުޒާހަރާއަކުން ހައްޔަރުކޮށް ދޫކޮށްލުމުން ދިން އިންޓަވިއުއެއްގަ އެވެ. އޭނާ ބުނީ ހައްޔަރުކޮށް ޖަލުގައި ބެހެއްޓީ ފުލުހުންތަކެއް ދޮގު މައުލޫމާތުތަކެއް ދީގެން ކަމަށެވެ. އެ ފުލުހުންނަށް އިންޒާރުދިނީ އޭގެ ފަހުންނެވެ.