ހައްގުވެރިންނަށް ފްލެޓް ދިނުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސަޕޯޓަރުން މިއަދުވެސް މާލޭގައި ހިނގާލުމެއް ބާއްވައިފި އެވެ.
މިއަދު ހަވީރު އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ވަނީ ހިޔާ ފްލެޓް އޭގެ ހައްގުވެރިންނަށް ދިނުމަށް ގޮވާލާ މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލާފައެވެ. އިދިކޮޅު ދެ ޕާޓީގެ އިސް ބޭފުޅުންނާއި މަޖިލީސް މެންބަރުންވެސް ބައިވެރިވި މި ހިނގާލުމުގައި ހިޔާ ފްލެޓް ދިނުމުގައި ސަރުކާރުން ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ އަޑުއުފުލާފައިވެއެވެ. އަދި ހައްގުވެރިންނަށް ފްލެޓް ދިނުމަށް އަޑުއުފުލާ ހައްގުތައް ލިބެންދެން އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށް ބުނެފައިވެއެވެ.
މިއަދުގެ ހިނގާލުން ކުރިއަށްދިޔައިރު ގިނަ އަދަދެއްގެ ފުލުހުން ގެންދިޔައީ މަގުމަތީ ހަރަކާތްތެރިވަމުންނެވެ.
ހިނގާލުމަށް ފުލުހުން ހުރަސް އަޅާފައިނުވިނަމަވެސް ހިނގާލުމުގެ ތެރެެއިން ބައެއް މީހުންނަށް އަނިޔާވެފައިވެއެވެ. އޭގެ ތެރޭގައި ނޫސްވެރިންވެސް ހިމެނެއެވެ. އަނިޔާވި ނޫސްވެރިޔާ ނިސްބަތްވާ މީޑިއާއިން ބުނީ އޭނާއަށް އަނިޔާވީ ފުލުހުން އަމަލު ކުރި ގޮތުން ކަމަށެވެ. އަނިޔާތަކާއި ގުޅިގެން އެ ނޫސްވެރިޔާއަށް ދަނީ ފަރުވާ ދެމުންނެވެ.
އަދި ފަހުން އެ މީޑިއާގެ އެހެން ނޫސްވެރިއަކު ކެފޭއެއްގައި އިންދާ ފުލުހުންގެ ބަޔަކު ބަދެ އަނިޔާކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެކަމާއި ގުޅިގެން ސުވާލު ކުރުމުން ފުލުހުން ބުނީ ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު މައުލޫމާތު ދޭނެ ކަމަށެވެ.
އިދިކޮޅުގެ ސަޕޯޓަރުން ގެންދަނީ ސިލްސިލާ ގޮތެއްގައި މުޒާހަރާތަކާއި ހިނގާލުންތައް ބާއްވަމުންނެވެ.