ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިިކަމުގެ ފިޔަވަޅުތަކާއި ހިލާފަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބާއްވަމުންދާ އެއްވުންތަކާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ޕޮލިސް ސާވިސްއިން ދީފި އެވެ.
މިރޭ ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ވިދާޅުވީ ރައްކާތެރިކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު އެ ފިޔަވަޅުތަކާއި ދެކޮޅަށް އެއްވުންތަކާއި ހިނގާލުންތައް ބާއްވަމުންދާ ކަމަށެވެ. އެފަދަ ކަންކަން ކުރާނަމަ ވަގުތުން ފިޔަވަޅު އަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެއްވުމެއް ބާއްވާނަމަ ވަގުތުން އެ އެއްވުމެއް ރޫޅާލާނެ ކަމަށާ ބާރުގެ ބޭނުން ކުރަން ޖެހިއްޖެނަމަ އެކަމެއްވެސް ކުރާނެ ކަމަށެވެ. މިއީ ގާނޫނު ހިންގުމާއި ދައުލަތް ހިންގުމަށް ހުރަސް އެޅުމެއް ކަމަށާ އެހެން ކަމުން ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަސް ނުޖެހޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"މިފަދަ އެއްވުންތަކުގެ ބައިވެރިންނަށް އަޅުގަނޑު ދަންނަވަން އޮތީ މިއީ އެޗްޕީއޭގެ ގައިޑްލައިނާއި ގާނޫނާއި ހިލާފަށް ހިންގާ އަމަލުތަކެއް ކަމަށްވާތީ މިފަދަ އެއްވުންތަކުގައި ބައިވެރިނުވުމަށް،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެއްވުންތަކުގެ ސަބަބުން މުޅި މުޖްތަމައުއަށް އެކަމުގެ ނުރައްކާ އެބައޮތް ކަމަށެވެ. މުޒާހަރާގެ ބައިވެރިންނާއި މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުންނަށްވެސް އެކަމުގެ ނުރައްކާ އެބައޮތް ކަމަށެވެ. މި ހާލަތުގައި އެއްވުންތަކާއި މުޒާހަރާތައް ނުބޭއްވުމަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.
"މިވަގުތު ހެދިފައިވާ ކޮންމެ ގަވާއިދަކީ އަދި އެންގުމަކީވެސް އެންމެންގެ ރައްކާތެރިކަމަަށްޓަކައި ހެދިފައިވާ ގަވާއިދުތަކެއް އަދި އެންގުންތަކެއް،" ޝަރީފް ވިދާޅުވިއެވެ.
ހައްގުވެރިންނަށް ފްލެޓް ދިނުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސަޕޯޓަރުން މިއަދުވެސް މާލޭގައި ހިނގާލުމެއް ބާއްވާފައެވެ. މިއަދުގެ ހިނގާލުން ހުއްޓުވަން ފުލުހުން މާބޮޑު މަސައްކަތެއް ނުކުރެއެވެ. ނަމަވެސް މީގެ ކުރިން ބޭއްވި ބައެއް އެއްވުންތަކާއި ހިނގާލުން ހުއްޓުވަން ބާރުގެ ބޭނުންވެސް ކޮށްފައިވެއެވެ.