މޯލްޑިވްސް ޕޮލިސް ސާވިސް

ނޫސްވެރިއަަކަށް އަނިޔާކުރި ކަމަށް ބުނުމުން ދިފާއުކޮށްފި

ޗެނަލް 13 އިގެ ނޫސްވެރިއަކަށް ފުލުހުން އަނިޔާ ކޮށްފައިވާ ކަމަށް ބުނުމުން އެކަން ހިނގައިދިޔަ ގޮތް ފުލުހުން ސާފު ކޮށްދީފި އެވެ.

ފުލުހުން ބުނީ މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިން އެ ސަރަހައްދު ދޫކޮށް ދާން އެންގުމުން ފުލުހުންނާއި ހަޑިހުތުރު ބަހުން މުއާމަލާތްކޮށް ފުލުހުންގެ ދައުރު އަދާ ކުރަން ހުރަސް އަޅާފައިވާ ކަމަށެވެ. އަދި ބައެއް މީހުން އެ ސަރަހައްދުގައި ހުރި ކެފޭއަކަށް ވަނުމުން އެ މީހުން ނެރެން ފުލުހުން އެ ކެފޭއަށް ވަން ކަމަށެވެ.

އެތަނުން ނެރެން މަސައްކަތް ކުރުމުން ނޫސްވެރިޔާ ހިމެނޭހެން ހަމަނުޖެހުން ހިންގާ އެ ނޫސްވެރިޔާ ބިންމައްޗަށް ވެއްޓިގަނެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ވެސް ފުލުހުން ބުންޏެވެ. އެއީ ނޫސްވެރިއެއްކަން އެނގުނީ ކެފޭއިން ނެރުނު ފަހުން ކަމަށާ އެކަން އެނގުމުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

"މި އިންސިޑެންޓްގައި ނޫސްވެރިޔާގެ ފަރާތުން ފެނިފައި ވަނީ ނޫސްވެރިއެއްގެ ފުށުން ފެނިގެން ވާނެ ފަދަ އަމަލުތަކެއް ކަމަށް އަޅުގަނޑުމެން ނުދެކެން،" ފުލުހުން މީޑިއާއަށް ދިން މައުލޫމާތުގައި ބުނެފައި ވެއެވެ.

ފުލުހުން ބުނީ އެއްވުންތައް ކަވަރުކުރުމުގެ ފުރުސަތު ދީ ނޫސްވެރިންގެ ޒިންމާ އަދާކުރުމަށް މަގުފަހި ކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޗެނަލް 13 އިގެ ނޫސްވެރިޔާ ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދުގައި ހުރި ކެފޭއެއްގައި އިންދާ ތިން ފުލުހަކު ވަދެ އަނިޔާކޮށްފައިވާ ކަމަށް އެ ސްޓޭޝަނުން ވަނީ ބުނެފައެވެ. އޭނާއަށް އަނިޔާކުރިއިރު އޭނާގެ ކަރުގައި މީޑިއާ ފާސް އޮތް ކަމަށާ އަނިޔާ ކުރީ އެއީ ނޫސްވެރިއެއްކަން އެނގި ހުރެ ކަމަށްވެސް އެ ސްޓޭޝަނުން ބުންޏެވެ.