ވިޔަފާރި

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރީ ކާނާގެ ބާވަތްތައް

Oct 30, 2015

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރީ ކާނާގެ ބާވަތްތައް ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ. ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ 20 ޕަސެންޓަކީ ކާނާގެ ބާވަތްތަކެވެ.

ކާނާގެ ބާވަތްތައް އެތެރެކޮށްގެން ކަސްޓަމަށް އާމްދަނީ ގޮތުގައި 480 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ އިތުރުން ކާނާގެ އިތުރުން ރާއްޖޭގެ އިމްޕޯޓުގެ ދެން އެންމެ ބޮޑު ހިއްސާއެއްވެފައިވަނީ މެޝިނަރީ އާއި އިލެކްޓްރޯނިކްސް ސާމާނެއެވެ. ރާއްޖެއަށް އެތެރެކުރި އިލެކްޓްރޯނިކް ސާމާނުން 403 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ކަސްޓަމްގެ ހިސާބުތައް ދައްކާ ގޮތުން އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި މި އަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 14 ޕަސެންޓް އިތުރުވެއްޖެއެވެ.

މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހާއި ހަމައަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި 1.43 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ މިހާތަނަށް 1.63 ބިލިއަން ރުފިޔާ ލިބުނު ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. ހިސބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް އިމްޕޯޓުކުރި މުދަލުގެ ސީއައިއެފް އަގު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އެއް ޕަސެންޓް އިތުރުވެފައެވެ.

މިއަހަރުގެ މިހާތަނަށް 23.5 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި އެތެރެކޮށްފައިވަނީ 23.3 ބިލިއަން ރުފިޔާގެ މުދަލެވެ.