ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓޫރިސްޓް އެރައިވަލް

މި އަހަރު 151،000 އަށްވުރެ ގިނަ ޓޫރިސްޓުން އަތުވެއްޖެ

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 151،000 އަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މި މަހުގެ 18 އިގެ ނިޔަލަށް އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް 151،113 ޓޫރިސްޓުން ރާއްޖެ އައިސްފައި ވެއެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 268،034 މީހުންނާ އަޅާ ބަލާއިރު 43.6 ޕަސެންޓް ދަށްވުމެކެވެ.

މި މަހުގެ މިހާތަނަށް ވަކިން ބަލާނަމަ ރާއްޖެއަށް އައިސްފައިވަނީ 59،010 ޓޫރިސްޓުންނެވެ. މި އަދަދަކީ މިދިޔަ އަހަރު އައި 94،687 އާ އަޅާބަލާއިރު 37.7 ޕަސެންޓް ދަށް އަދަދެކެވެ. މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް 92،103 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އައި 173،347 ޓޫރިސްޓުންނާ އަޅާ ބަލާއިރު 50 ޕަސެންޓުގެ ދަަށް ވުމެކެވެ.

މިމަހުގެ މިހާތަނަށް އެވްރެޖު ގޮތެއްގައި ދުވާލެއްގެ މައްޗަށް ރާއްޖެ އައި ޓޫރިސްޓުން އުޅެނީ 3،278 ގަ އެވެ. އަދި ޖެނުއަރީ މަހު މި އަދަދު އުޅުނީ 3،084 ގަ އެވެ.

ރާއްޖޭގައި މިދިޔަ މަހު ޓޫރިސްޓުން އެވްރެޖު ގޮތެއްގައި 9.2 ދުވަހު މަޑުކޮށްފައިވެ އެވެ. ނަމަވެސް މި މަހުގެ 18 ގެ ނިޔަލަށް މި އަދަދު ވަނީ 8.7 ޕަސެންޓަށް ވެއްޓިފަ އެވެ. އަދި މި އަހަރުގެ މިހާތަނަށް ބަލާއިރު އެވްރެޖު ސްޓޭއަކީ ނުވަ ދުވަހެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ އިންޑިއާއިންނެވެ. ހަތަރު އެއާލައިންއަކުން ރާއްޖެއަށް ޑައިރެކްޓް ފްލައިޓް ބާއްވާ އިންޑިއާއިން 62،960 މީހުން އައިސްފައިވެ އެވެ. އަދި ދެވަނައަށް އެންމެ ގިނައިން އައިސްފައިވާ ރަޝިޔާއިން 61،387 ޓޫރިސްޓުން އައިސްފައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރީ މާޗް 15 އިގަ އެވެ. އަދި އަލުން ހުޅުވާފައި ވަނީ ޖުލައި 15 ގަ އެވެ. ހުޅުވުމާއެކު މިދިޔަ އަހަރު ނިމުނުއިރު 555،494 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު ފުރަތަމަ ކުރި 800،000 ޓޫރިސްޓުންގެ އަންދާޒާއާ އަޅާ ބަލާއިރު ދަށްވުމެކެވެ.

ސަރުކާރުން ބުނެފައިވަނީ މި އަހަރު 1.5 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.