ހަބަރު

ޖައިޝަންކަރު ރާއްޖެ ވަޑައިގެންފި

އިންޑިއާގެ މިނިސްޓަރު އޮފް އެކްސްޓާނަލް އެފެއާޒް ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

އެމަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން މިނިސްޓްރީގެ ބައެއް އިސް ބޭފުޅުންނެވެ.

ފޮރިން މިނިސްޓްރީން ބުނީ ޖަައިޝަންކަރުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާނެ ކަމަށެވެ. އަދި ފޮރިން މިނިސްޓަރު ޝާހިދުގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ބައްދަލު ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު އޮފް ފިނޭންސް އާއި މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މިނިސްޓަރު އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އާއެކު ޖޮއިންޓް މީޓިންއެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ޖައިޝަންކަރުގެ މި ދަތުރުފުޅުގައި އިންޑިއާ އާއި ދިވެހި ރާއްޖެއާއި ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ހިންގުނު މަޝްރޫއުތަކެއް އިފްތިތާހު ކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މިއީ ޖައިޝަންކަރު މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒްގެ މަގާމާއި ހަވާލުވިފަހުން ރާއްޖެއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. އެމަނިކުފާނު ވަނީ 2019 ވަނަ އަހަރު ވެސް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފަ އެވެ.