ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އާޖެންޓީނާގެ ހެލްތު މިނިސްޓަރު އިސްތިއުފާއާ ހަމައަށް

އާޖެންޓީނާގެ ހެލްތު މިނިސްޓަރު، ގިނެސް ގޮންޒާލެޒް ގާސިއާ އިސްތިއުފާ ދެއްވަން އެ ގައުމުގެ ރައީސް، އަލްބާޓޯ ފެނާންޑޭޒް އެދިވަޑައިގެންފި އެވެ. މިކަން މިހެން ހިނގާފައި ވަނީ "ވީއައިޕީ ވެކްސިނޭޝަން" ޚިދުމަތް ބޭނުން ހިއްޕަވައި ނޫސްވެރިއަކަށް ކޮވިޑް ވެކްސިން ދެއްވި ކަމަށް ހެލްތު މިނިސްޓަރަށް ތުހުމަތު ކުރެވުމާ ގުޅިގެންނެވެ. އާޖެންޓިނާގައި އާންމު ރައްޔިތުންނަށް ވެކްސިން ދެނީ އޮންލައިންކޮށް ރެޖިސްޓްރީ ކޮށްގެންނެވެ.

އާޖެންޓިނާގައި އާންމުކޮށް ދެނީ ރަޝިއާ ވެކްސިނެވެ. ނޫސްވެރިޔާ، ހޮރާސިއޯ ވާބިޓްސްކީ ވެސް ވަނީ އޭނާ ވެކްސިން ޖެހީ ގޮންޒާލެޒް ގާސިއާގެ އެކުވެރިކަމުގައި ކަމަށް ބުނެ އިއުތިރާފުވެފަ އެވެ.

ހެލްތު މިނިސްޓަރު އިސްތިއުފާ ދެއްވުމުން އެ މަގާމަށް އެހެން ބޭފުޅަކު އަދި އައްޔަން ނުކުރެ އެވެ. އެހެން ނަމަވެސް ޚަބަރުތައް ބުނާ ގޮތުގައި އެ މަގާމަށް އެކަށޭނަ ނަމެއް ރައީސް ވަނީ އިޚުތިޔާރު ކުރައްވާފަ އެވެ. އެއީ އަދި ކޮންބޭފުޅެއްކަން ނޭނގުނު ނަމަވެސް، ނޭޝަނަލް ހެލްތު ސެކްރެޓަރީ ކާލާ ވިޒޯޓީއަށް ވުން ވަރަށް ގާތެވެ.

އާޖެންޓިނާގައި ވެސް އެންމެ ފުރަތަމަ ވެކްސިން ދެމުންދަނީ މަގަތު ސަފުގައި މަސައްކަތްކުރާ ސިއްހީ އޮފިޝަލުންނަށެވެ. އާންމު ރައްޔިތުން ކިޔޫތަރުތީބުކޮށްފައި ވަނީ "ވީއައިޕީ" ސަފުތައް ހަމައަކަށް އެޅުމުން ކަމަށް ވެ އެވެ.

އާޖެންޓިނާގެ ބިޔަ އާބާދީ 45 މިލިއަން މީހުންގެ ތެރެއިން ދެމިލިއަނާ ގާތްކުރާ އަދަދަކަށް ވަނީ ކޮވިޑްޖެހިފަ އެވެ. އޭގެ ތެރެއިން 50،000 މީހުން މަރުވެފައިވާ ކަމަށް އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީން ބުނެ އެވެ.