އެސްޓީއޯ އިން ރާއްޖެ އެތެރެކޮށް ވިއްކާ ޑީސަލް އާއި ޕެޓްރޯލުގެ އަގު އެ ކުންފުނިން ބޮޑުކޮށްފި އެވެ.
ރާއްޖެއަށް ތެލުގެ ބާވަތްތައް އެންމެ ފުޅާކޮށް އެތެރެކުރާ އެއް ކުންފުނި ކަމަށްވާ އެސްޓީއޯއިން ބުނި ގޮތުގައި ތެލުގެ އަގަށް ގެނެސްފައިވާ ބަދަލާއެކު ޕެޓްރޯލް ލިޓަރެއް ވިއްކާނީ 8.44 ރ. އަށެވެ. އަދި ޑީސަލް ލިޓަރެއްގެ އަގު ވަނީ 9.19 ރ. އަށް އުފުލިގެން ގޮސްފަ އެވެ.
އަގަށް އައި މި ބަދަލާއެކު ޕެޓްރޯލް ލިޓަރަކުން 0.37 ލ. އަދި ޑީސަލް ލިޓަރަކުން 0.48 ލ. ވަނީ ބޮޑު ވެފައި ވެއެވެ.
އެސްޓީއޯއިން ބުނީ ތެލުގެ އަގު ބޮޑުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތާ ދުވަސްތަކެއް ވުމާ ގުޅިގެން ކަމަށެވެ.
އެސްޓީއޯއިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނެސްފައިވަނީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. އެ ފަހަރު ޑީސަލް ލީޓަރަކުން 1.68 ރ. އަދި ޕެޓްރޯލް ލީޓަރަކުން 1.53 ރ. ހެޔޮކުރި އެވެ. އަގަށް އެފަހަރު ގެނައި ބަދަލާއެކު ޑީސަލް ލީޓަރެއް ވިއްކަމުން ދިޔައީ 8.71 ރ. އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކީ 8.07 ރ. އެވެ.
ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގައި ދަތުރުފަތުރު ހުއްޓި ތެލަކީ އަގު ނެތް އެއްޗަކަށްވުމަށް ފަހު މިހާރު ވަނީ މަޑުމަޑުން ތެލުގެ އަގު މަތިވާން ފަށާފަ އެވެ. ދުނިޔޭގެ ތެޔޮ ކޮންޓްރޯލް ކުރާ އޯޕެކް ގައުމުތަކުން ކުރަމުން ދިޔަ ގިނަ މަސައްކަތްތަކާއެކު 30 ޑޮލަރު ވަރަށް ހުރި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 60 ޑޮލަރަށް މައްޗަށް އުފުލުނެވެ.