ދީން

ރަސޫލާގެ ސިޔަރަތު ފޮތެއް ތަރުޖަމާ ކުރުވަނީ

ކީރިތި ރަސޫލާގެ ސީރަތު -- ސިޔަރަތު -- ފޮތެއް ދިވެހި ބަހަށް ތަރުޖަމާ ކޮށްދޭނެ ފަރާތެއް އިސްލާމިކް މިނިސްޓްރީން ހޯދަން ފަށައިފި އެވެ.

އެ މިނިސްޓްރީން ބުނީ، ކީރިތި ރަސޫލާގެ ސިޔަރަތު ފޮތެއް ކަމަށްވާ "އައްރަހީގުލް މަޚްތޫމް" ދިވެހި ބަހަށް ތަރުޖަމާ ކުރަން ބޭނުންވާތީ އެ ފޮތް ތަރުޖަމާ ކޮށްދޭނެ ފަރާތެއް ހޯދާ ކަމަށެވެ.

މިނިސްޓްރީން ތަރުޖަމާ ކުރަން ބޭނުން ވެގެން އުޅޭ ސިޔަރަތު ފޮތަކީ އިންޑިއާގެ އުއްތަރަޕްރަދޭޝް އަށް ނިސްބަތްވާ ލިޔުންތެރި އަދި އިލްުމުވެރިއެއް ކަމަށްވާ ސާފިއުއް ރަހުމާން މުބާރަކް ޕޫރީ ކީރިތި ރަސޫލާގެ ހަޔާތްޕުޅުގެ މައްޗަށް އެކުލަވައިލައްވާފައިވާ ފޮތެކެވެ. އެ ފޮތް އަރަބި އަދި އުރުދޫ ބަހުން ވެސް އޮވެ އެވެ.

އައްރަހީގުލް މަޚްތޫމްގެ ފޮތްބައި ތަރުޖަމާ ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނެއް ކުރީ މި މަހުގެ 17 ވަނަ ދުވަހު އެވެ. އެ ކަމަށް އޮތް މުއްދަތު ހަމަވަނީ މިއަދު އެވެ.

ކީތިރި ރަސޫލާގެ ސިޔަރަތު ފޮތެއް ތަރުަޖަމާ ކުރަން ސަރުކާރުން އިއުލާން ކުރި އިރު ރާއްޖޭގައި ޝައުގުވެރި ކަމާއެކު އެންމެން އަޑު އަހައި ކިޔައި ހަދަނީ ރާއްޖޭގެ ދަންބޭކަލެއް ކަމަށްވާ ހުސައިން ސޮލާހުއް ދީނު ތަރުޖަމާކޮށް އެކުލަވައިލެއްވި ކީތިރި ރަސޫލާގެ ސިޔަތަރު ފޮތެވެ. އެ ސިޔަރަތު ފޮތް ރޯދަ މަހު ދިވެހި ރާއްޖޭގެ އަޑުން ފޮނުވަ އެވެ. އަދި ރޯދަ މަހު ނޫނަސް އަޑުގެ އެފްއެމް ޗެނަލްގަ އާއި މުންނާރު ޗެނަލްގައި ރޭގަނޑު އެއާ ކުރެ އެވެ.

ސޮލާހުއްދީނުގެ މި ސިޔަރަތު ރިކޯޑްކޮށް އަޑުން ފޮނުވާން ފެށީ ރައީސް އިބްރާހިމް ނާސިރުގެ ބޮޑު ވަޒީރު ކަމުގައި 1970 އިގެ ތެރޭގަ އެވެ. ލައިވްކޮށާއި ރިކޯޑްކޮށްގެން އެކި ބޭފުޅުންގެ އަޑުން ގެނެސް ދިނުމަށް ފަހު މިހާރު އޮތް ގޮތަށް ސިޔަރަތު ރިކޯޑްކޮށްފައި ވަނީ ހަޖަރާގޭ މުހައްމަދު ތައުފީގުގެ އަޑުންނެވެ.

އަލުން ސިޔަރަތު ފޮތެއް ތަރުޖަމާ ކުރާއިރު ރާއްޖޭގެ ބަސްތެރި ކަމާއި ފޮތްތެރިކަން ވަރަށް ބޮޑަށް ވަނީ ބަދަލުވެ ދެރަވެފަ އެވެ.