ޝިދާތާ ޝަރީފު

ޝިދާތާ އާއި ޒިޔާއާ ކައިވެނި ކުރައްވައިފި

ކުރީގެ ފެމިލީ މިނިސްޓަރު ޝިދާތާ ޝަރީފާއި ފިލްމީ ތަރި އަހުމަދު ޒިޔާއު (ޒިޔާ) އާ ކައިވެނި ކުރައްވައިފި އެވެ.

އެ ކައިވެނި ކުރައްވާފައި ވަނީ މިއަދު އެވެ. އެއީ ކުރީން ވެސް އެ ދެ ބޭފުޅުންގެ ކައިވެނި ތާވާލު ކުރައްވާފައި އޮތް ގޮތެވެ.

ކައިވެންޏަށް ފަހު ފޯނު މެދުވެރިކޮށް އެކަމަނާ މިއަދު ކުރު ކުރުކޮށް އަވަސް އަށް ވިދާޅީ އާ ކައިވެންޏަކާއެކު ދިރިއުޅުމުގެ އާ ހަޔާތެއް ފެއްޓެވޭތީ ހުންނެވީ ވަރަށް އުފާފުޅު ވެފައި ކަމަށެވެ.

"ދެން މިކަންވެސް މި ފުރިހަމަވީ" ކުރީގެ ވަޒީރު މިއަދު ވިދާޅުވި އެވެ.

ޝިދާތާ ޒިޔާއާ އެންގޭޖްވީ މިދިޔަ މަހު އެވެ. އެންގޭޖްވީ ތިން މަހެއްހާ ދުވަހު ރައްޓެހިވެގެން އުޅުމަށްފަހު ކަމަށް ޝިދާތާ މީގެ ކުރިން ވިދާޅުވެފައި ވެއެވެ. ޝިދާތާ އާއި ޒިއާއަށް ވެސް އެހެން ކައިވެންޏެއްގައި ބޭފުޅުން ލިބި ވަޑައިގެންފައި ވެއެވެ.

ޒިޔާއަކީ ފިލްމްކުޅޭ މީހަކަށް ވިޔަސް ފިލްމު ކުޅުމުގެ ޝައުުގުވެރިކަމެއް ނެތް ކަަަމަށާއި ނަަމަވެސް އިޖުތިމާއީ މައްސަލަތަކަށް ހަދަ ފިލްމެއް ޕްރޮޑިއުސްކުރަން ޝައުގެވެރިވާ ކަމަށް ޝިދާތާ ވަނީ ވިދާޅުވެފަ އެވެ.