ދުނިޔެ

ބައިޑަން ކެމްޕޭނަށް ޓެކް ކުންފުނިތަކުން 15 މިލިއަން ޑޮލަރު ދީފައިވޭ

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޖޯ ބައިޑަން ކެމްޕޭން ކުރެއްވުމަށް ބޮޑެތި ޓެކް ކުންފުނިތަކުގެ މުވައްޒަފުން ދިން އެހީ 15.1 މިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް އެމެރިކާގައި މިދިއަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓުން ހަރަދުކުރި ގޮތަށް ބަލައި ވޯލް ސްޓްރީޓް ޖާނަލުން ބުނެފި އެވެ.

އެހީދިން ކުންފުނިތަކުގެ ތެރޭގައި ގޫގުލް އާއި މައިކްރޮސޮފްޓާއި އެމެޒޯން އާއި އެޕަލް އަދި ފޭސްބުކް ހިމެނޭ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ. މިއީ މިހާތަނަށް ޑިމޮކްރެޓުން ކެމްޕޭން ކުރުމަށް ވިޔަފާރި ކުންފުނިތަކުގެ މުވައްޒަފުން ފަރާތުން ދިން އެންމެ ބޮޑު އެހީ ކަމަށް ވެސް ބުނެފައިވެ އެވެ.

އެމެރިކާގައި ވިޔަފާރި ކުންފުނިތަކުން ސީދާ ގޮތުގައި ކެމްޕޭނަށް ޚަރަދު ކުރުމަކީ މަނާ ކަމެކެވެ. އެހެން ނަމަވެސް ކުންފުނިތަކުގެ މުވައްޒަފުން އަމިއްލަ ފަރުދުންގެ ގޮތުގައި ކެމްޕޭންތަކަށް ޚަރަދުކުރުން ހުއްދަ އެވެ. އެހެން ނަމަވެސް، 200 ޑޮލަރުން ފެށިގެން މަތީ އަދަދަކުން އެހީ ދޭނަމަ ވަޒީފާ އަދާކުރާ ކުންފުންޏަށް އަންގަންޖެހޭ ކަމަށް ފެޑެރަލް އިލެކްޝަން ކޮމިޝަން ލާޒިމް ކުރެ އެވެ.

ވޯލް ސްޓްރީޓުން މި ރިޕޯޓް ނެރުމާ ގުޅިގެން މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކައި ކޮމެންޓްކުރުން ކުންފުނިތަކުން ވަނީ މަނާ ވެގެންފަ އެވެ.

ބައިޑަން ކެމްޕޭނަށް މައިކްރޮސޮފްޓް މުވައްޒަފުން 3.2 މިލިއަން ޑޮލަރު ދީފައިވެ އެވެ. މައިކްރޮސޮފްޓް މުވައްޒަފުންނަކީ ޑިމޮކްރެޓިކް ޕާޓީން ރައީސް ކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓަކަށް އަބަދު ވެސް ބޮޑެތި އަދަދުތަކުން އެހީތެރިވާ ކުންފުންޏެކެވެ.

އެމެޒޯންގެ ނަމުގައި މުވައްޒަފުން ދިން އެހީ 2.8 މިލިއަނަށް އަރާ ކަމަށް ވޯލް ސްޓްރީޓުން ބުނެ އެވެ. އަދި ބައިޑަން ކެމްޕޭން ކުރެއްވުމަށް ފޭސްބުކްގެ މުވައްޒަފުން ދިން އެހީ 1.9 މިލިއަން ޑޮލަރަށް އަރާ ކަމަށްވެ އެވެ.

ޓެކް ކުންފުނިތަކުން ޑިމޮކްރެޓިކް ކެންޑިޑޭޓަށް ހަރަދުކުރާ ވާހަކަ ރިޕަބްލިކަނުން އަބަދުވެސް ދައްކަ އެވެ. އެމީހުން ބުނާ ގޮތުން ޓެކް ކުންފުނިތަކުން ރިޕަބްލިކަނުންް ނިކަމެތިވާ ގޮތަށް އޮންލައިކޮށް މައުލޫމާތު ފަތުރަ އެވެ. އަދި ގޫގުލުންނާއި ފޭސްބުކުން ރިޕަލްބިކަނުންގެ މައުލޫމާތު ސެންސަރު ވެސް ކުރެ އެވެ.

ޓެކް ކުނުފުނިތަކުގެ ވެރިން އަންނަ މަހު ގާނޫނު ހަދާ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. އޭގެ ތެރޭގައި ފޭސްބުކް ސީއީއޯ މާކް ޒުކަބާގް އާއި ޓްވީޓާގެ ސީއީއޯ ޖެކް ޑޯސީ އަދި އަލްފާބެޓް ސީއީ ސުންދަރު ޕިޗާއި ހިމެނެ އެވެ.