މާލޭގެ އެކި ތަންތަނަށް ކުނި ޖަމާކޮށް ގޮނޑު ކުރާތީ، އެފަދަ ތަންތަނުގެ މައުލޫމާތު އާންމުކޮށް މީޑިއާއާ ހިއްސާ ކުރާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
މި ސަރުކާރު އައި ފަހުން ފަހަކަށް އައިސް ކުނީގެ މައްސަލަ މާލޭގައި ވަރަށް ބޮޑު ވެފައި ވެއެވެ. މާލޭގައި ބައެއް ސަރަހައްދުތައް ވަރަށް ބޮޑަށް ވަނީ ގޮނޑުވެފަ އެވެ.
ކައުންސިލުން މިއަދު ބުނީ މާލޭ މަގުމަތީ ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުންނަ ޕެލެޓާއި ކުނިތައް ނެގުމުގެ މަސައްކަތް ކައުންސިލުން ކުރާ ކަމަށެވެ. އަދި މިގޮތަށް ތަކުރާރުކޮށް ކުނި ބަހައްޓާ ތަންތަން ފާހަގަ ކޮށް އެ ތަންތަނުގެ މައުލޫމާތު އާންމު ކުރާނެ ކަމަށެވެ.
މާލޭގެ ކުނީގެ މައްސަލަ ހައްލުނުވެ އެ މައްސަލަ ބޮޑު ވެގެން ދިއުމުގައި ސިޓީ ކައުންސިލްގެ ދައުރު ވެސް ބޮޑެވެ. އެކަށީގެންވާ މަސައްކަތްތަކެއް އެކަމަށް ކުރެވިފައި ނުވުމަކީ ކުނީގެ މައްސަލަ ބޮޑުވުމުގެ އެއް ސަބަބެވެ.