ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފުވައްމުލައް

ފުވައްމުލަކުގައި އާ ކްލަސްޓާއެއް، ހަތް މީހަކު ޕޮޒިޓިވް

ފުވައްމުލަކު ސިޓީން ފެނިފައިވާ ކޮވިޑް-19 ގެ ކޭސްތަކާއި ގުޅުމެއް ނެތް ކޭސްތަކެއް ފެނިފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެ ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ފުވައްމުލަކު ސިޓީން ފެނިފައިވާ ކޮވިޑް-19 ގެ ކޭސްތަކާއި ގުޅުމެއް ނެތް ކޭހެއް އިއްޔެ ފެނިފައިވާ ކަމަށެވެ. އަދި ކޭސްއާ ގުޅުންހުރި އިތުރު ހަ މީހަކު މިއަދު ފެނިފައިވާ ކަމަށެވެ.

"ފުވައްމުލަކުގައި މިހާރު ހުރި ކޭސްތަކާ ލިންކުނުވާ އިތުރު ކޭސްއެއް ފެނި އެ ކޭސްއާ ގުޅުންހުރި އިތުރު ހަ މީހަކު މިއަދު ވަނީ ޕޮޒިޓިވްވެފައި،" ނަޒްލާ ވިދާޅުވިއެވެ.

ފުވައްމުލަކުން ގިނަ ބަޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެ ސިޓީ އޮތީ އެޗްޕީއޭގެ މޮނިޓަރިންގައެވެ. އަދި ރައްކާތެރިކަމަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

އެ ގޮތުން ރޭގަނޑު 8 ކުން ފަތިހު 4އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެ އެވެ. ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ. އަދި އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލަންވެސް ވަނީ އަންގާފައެވެ.

އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން މަނާކޮށް ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދު ކުރަން ވަނީ އަންގާފައެވެ. ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް އަދި ޔުނިވާސިޓީތަކާއި ކޮލެޖް، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުންވެސް ވަނީ ހުއްޓާލާފައެވެ. ހޮޓާ/ކެފޭ، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުމަށްވެސް އަންގާފައިވެއެވެ.