ރާއްޖެ ކުޅިވަރު

އަޑޭ އާއި ކުޑައްޓޭގެ ލަނޑުން ނިއު ފަރަގު ބޮޑުކޮށްފި

ކެޕްޓަން އައްސަދު އަލީ (އަޑުބަރޭ) އާއި މުހައްމަދު ޝިފާން (ކުޑައްޓޭ) ޖަހައިދިން ލަނޑުން މަހިބަދޫ 2-1 އިން ބަލިކޮށް، އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ނިއު މިރޭ ފަރަގު ބޮޑުކޮށްފި އެވެ.

ޓޭބަލުގެ ފުލުގައި އޮތް ޓީމު ކޮޅަށް މި ދެ ކުޅުންތެރިން ފުރަތަމަ ހާފުގައި ޖެހި ގޯލަށް ފަހު ނިއު އަށް އިތުރު ލަނޑެއް ޖަހަން އުނދަގޫތަކެއް ވެގެންދިޔަ އެވެ. މަހިބަދޫން މެޗުގައި ލަނޑު ޖެހީ 56 ވަނަ މިނިޓްގައި އަލީ ސާލިމް އެވެ.

މި މޮޅާއެކު ނިއު އަށް ވަނީ 23 ޕޮއިިންޓް ލިބިފަ އެވެ. އެ ޓީމު އެއްވަނާގައި އޮތްއިރު ދެ ވަނާގައި ވަނީ 17 ޕޮއިންޓާއެކު ޓީސީ އެވެ. އެކަމަކު މިއަދު ހަވީރު ވިކްޓަރީ އަތުން ޓީސީ މޮޅުވެއްޖެނަމަ ނިއުއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަވާނެ އެވެ.

މި މެޗަށް ފަހު ނިއުގެ ކޯޗު ސާބިއާގެ ނިކޮލާ ކަވަޒޮވިޗް ބުނީ އެކިދުވަހު ކުޅެވޭނީ އެކި ފެންވަރަށް ކަމަށާއި މޮޅަށް ނުކުޅެ ނިއު މެޗު ކާމިޔާބު ކުރި އިރު ޗެމްޕިއަނެއްގެ ސިފަތައް ފެނުނު ކަމަށެވެ.

"ބައެއް ދުވަސްދުވަހު މޮޅަށް ނުކުޅެވެސް މޮޅުވެވޭނެ. އެކަން މިއަދު ފެނިގެންދިޔައީ. މަހިބަދޫ މާ ދަށް ޓީމަކަށް ކުޅުންތެރިންނަށް ވިސްނުނީ މި މެޗުގައި. މިކަންކަން އަހަރުމެން ރަނގަޅު ކުރަންޖެހޭ،" ލީގުގެ ދެ ވަނަ ބުރާހަމައިން ކޯޗު ބުންޏެވެ.

މަހިބަދޫގެ އެސިސްޓެންޓް ކޯޗު ހުސައިން އައްބާސް ބުނީ އޭނާގެ ޓީމުގެ ފަރާތުން ފެނުނު ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ.

ލީގުގައި މާދަމާރޭ ކުޅޭނީ މާޒިޔާ އާއި ބީޖީ އެވެ.