ލައިފްސްޓައިލް

"އެއް ދަރި" ސިޔާސަތު އުވާލައި ޗައިނާ "ދެ ދަރީ"ގެ ސިޔާސަތަށް

ބެއިޖީން (ބީބީސީ) ޗައިނާގައި އެކަކަށްވުރެ ގިނައިން ދަރިން ހޯދުން މަނާކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް، ދެކުދިން ހޯދުން ހުއްދަކުރަން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ޗައިނާގެ އާދަޔާ ހިލާފު "އެއް ދަރި" ސިޔާސަތަކީ އާބާދީ އިތުރުވަމުންދާ މިންވަރު ކޮންޓްރޯލު ކުރުމަށް 1979 ވަނަ އަހަރު ތައާރަފު ކުރި ސިޔާސަތެކެވެ. މި ސިޔާސަތުގެ ސަބަބުން މިހާތަނަށް 400 މިލިއަން "އުފަންވުން" ހުއްޓުވާލެވިފައި ވާނެ ކަމަށް ލަފާ ކުރެވެއެވެ. އެހެން ނަމަވެސް، ޗައިނާގެ މުސްކުޅިވަމުންދާ އާބާދީގެ ސަބަބުން ދިމާވާ މައްސަލަތަކާ ހުރެ، މި ސިޔާސަތު ބަދަލު ކުރުމަށް އެގައުމުގެ ސަރުކާރަށް ވަނީ މަޖުބޫރު ވެފައެވެ.

މީގެ ކުރިން، އެއް ދަރިފުޅު ހޯދުމުގެ ގަވައިދާ ހިލާފުވާ މީހުންނަށް ސަރުކާރުން އެކި ކަހަލަ އަދަބު ދެއެވެ. އޭގެތެރޭގައި ޖޫރިމަނާ ކުރުމާއި، ވަޒީފާއިން ވަކި ކުރުމާއި ދަރި ވައްޓާލަން މަޖުބޫރުކުރުން ހިމެނެއެވެ.

ފަހަކަށް އައިސް ޗައިނާގެ ބައެއް ޕްރޮވިންސް ތަކުގައި ވަނީ މި ގަވައިދަށް އަމަލު ކުރުމުގައި ކޮންމެވެސް ވަރަކަށް ދޫ ދީފައެވެ. ސަބަބަކަށް ވަނީ އާބާދީއާއި މުޖްތަމައު ދިރާސާ ކުރާ ފަރާތްތަކުން ފާޅު ކުރަމުންދާ ކަންބޮޑުވުން ތަކެވެ. އެފަރާތް ތަކުން ބުނަނީ މި ގަވައިދުގެ ސަބަބުން އިޖްތިމާއީ މައްސަލަތަކާއި، މަސައްކަތްކުރާ އާބާދީ މަދުވުމުގެ މައްސަލަ ނިކުންނަން ފަށާފައިވާ ކަމަށެވެ.

އެއް ބިލިއަނަށްވުރެ ބޮޑު އާބާދީއެއް އޮންނަ ޗައިނާގެ 30 ޕަސެންޓަކީ 50 އަހަރުން މަތީގެ މީހުންނެވެ.

ދެކުދިން ހޯދަން މިހާރު ހުއްދަ ކޮށްފައި ވިޔަސް، ޗައިނާގެ އާދަކާދައިގެ ތެރެއަށް އެއް ދަރި ސިޔާސަތު ވަދެފައިވާލެއް ބޮޑު ކަމުން އަދިވެސް ގިނަ އާއިލާތަކުން އެކަކަށް ވުރެ ގިނަ ކުދިން ނުހޯދާނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އެފަރާތް ތަކުން ބުނަނީ މި އާދައަށް ބަދަލު އަންނަން ދުވަސް ނަގާނެ ކަމަށެވެ.

ޗައިނާގެ ސިޔާސަތުތަކަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ ދެކުދިން ހޯދަން ހުއްދަ ކޮށްގެން ވެސް އަދި އެގައުމުގެ ކުދިން އުފަންވާ ރޭޓަށް އެދެވޭ ބަދަލެއް ނާންނާނެ ކަމަށެވެ.