އިދިކޮޅު ފަރާތްތައް

"އިގްތިސޯދީ ސަރަހައްދެއް ބޭރުގެ ފަރާތަކަށް ދޭނަމަ ހުރަސްއަޅާނަން"

ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި ހިމެނޭ އެއްވެސް ތަނެއް ބޭރުގެ އަސްކަރީ އަދި އިސްތިއުމާރީ ބާރަކަށް ދޭން އުޅޭނަމަ އެކަމަށް ހުރަސް އަޅާނެ ކަމަށް އިދިކޮޅު މައި ޕާޓީ ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އުތުރުތިލަފަޅު ކަމުގައި ވިޔަސް އަދި ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި ހިމެނޭ ކަނޑެއް، ފަޅެއް، ރަށެއް އަދި ހަލެއް ކަމުގައި ވިޔަސް ބޭރުގެ ފަރާތަކަށް ދޫވެގެން ދާނަމަ އެކަމަށް އެ ޕާޓީން ހުރަސް އަޅާނެ ކަމަށެވެ. އަދި އެފަދަ އަމަލެއް ޕީޕީއެމުން ނުކުރާނެ ކަމަށް ވެސް އެ ޕާޓީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ޕީޕީއެމުން ބުނީ، އެ ޕާޓީގެ ވެރިކަމެއްގައި ހާރިޖީ ސިޔާސަތެއް ގެންގުޅުމާއި އަދި އަސްކަރީ ލަނޑުދަނޑިތައް ހާސިލު ކުރަން ކުރު އެއްވެސް މަސައްކަތެއްގައި ގައުމުގެ ސިޔާދަތީ ބާރަށް ކުޑަވެސް އުނިކަމެއް އައިސްފައި ނުވާނެ ކަމަށެވެ.

"... ރާއްޖޭގެ ގާނޫނު އަސާސީ ތަން ނުދޭ އަދި ގާނޫނުތަކުން ހުއްދަ ނުކުރާ ކަންކަމާއި ގައުމުގެ އެންމެ މަތިވެރި ބަހާތަކަށް އުނިކަން އަތުވެދާނެ ފަދަ ކަންކަން ސާބިތުކަމާއި ޖެހިލުމެއްތި ނޫނެކޭ ވިދާޅުވި ރައީސަކީ މި ޕާޓީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީނެވެ." ބަޔާނުގައި ވެއެވެ.

މީގެއިތުރުން، ދިވެހި ފަސްގަނޑުގައި ބޭރުގެ ސަިފައިން ދިގު މުއްދަތެއްގައި ރާއްޖޭގައި ތިބުމަކީ އެ ޕާޓީން ތާއީދު ކުރާ ކަމެއް ނޫން ކަަމަށް އެޕާޓީން ވަނީ ބުނެފަ އެވެ. ޕީޕީއެމުން މިހެން ބުނި އިރު އުތުރު ތިލަފަޅުގައި ސިފައިންގެ ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރަން އިންޑިއާ އާއެކު އިއްޔެ ރާއްޖެއިން ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ.

އިންޑިއާއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން އުތުރުތިލަފަޅުގައި ނޭވަލް ބަނދަރަކާއެކު މުއާސަލާތީ ވަސީލަތްތަކާއި ރާޑަރުގެ ހިދުމަތާއި ތަމްރީނު ހިމެނޭ ގޮތަށް ވަސީލަތްތައް ތަރައްގީކުރަން ވަނީ ނިންމައިފަ އެވެ.