ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ބޭހަށް ދާ މީހުނާ ޖާމިނުކުރުމެއް ގާނޫނަކު ނޯވޭ: ޕީޖީ

ބަންދުގައި ތިބޭ މީހުން ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދާއިރު މީހަކު ޖާމިނުވުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ މިފަދައިން ވިދާޅުވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކޮށް، އޭނާ ފުރުމަށް އެކޯޓުން ހުއްދަ ދިން މައްސަލަ އާއި ގުޅިގެން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް އޭނާ ހާޒިރުކޮށް ސުވާލު ކުރުމުންނެވެ.

ޝަމީމް ވިދާޅުވީ، ބޭސް ފަރުވާއަށް ދާ މީހުންނާ އެހެން މީހަކު ޖާމިނުވުމަކީ ގާނޫނުގައި އޮންނަ ކަމެއް ނޫން ކަމަށާއި، ގާނޫނުގައި "ޖާމިނުވުން" އެ ލަފްޒު ބޭނުން ކޮށްފައި ވަނީ މިކަމާ އެއްވެސް ވަރަކަށް ގުޅޭ ކަމަކާ ވެސް ނޫން ކަމަށެވެ. އަދި އެއީ ކްރިމިނަލް ކޯޓުން ކިހިނެއް ނެރުނު އަމުރެއް ކަން ސާފު ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުށެއްގެ ތުހުމަތުގައި ބަންދުގައި ހުންނަ މީހާ ބަންދުން ދޫކުރަން ޖާމިނުވާން ގާނޫނުގަ އޮންނަނީ... މިގޮތަށް [އަލީ ވަހީދު ދޫކޮށްލި ގޮތަށް] ޖާމިނު ކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން. ދެން ޖެހޭނީ ގާނޫނު ބަދަލު ކުރަން." ޕީޖީ ވިދާޅުވި އެވެ.

ޖާމިނުވި މީހާގެ ޕާސްޕޯޓް ހިފަހައްޓަން އެދުނުތޯ ކޮމެޓީން ސުވާލު ކުރުމުން ޝަމީމް ވިދާޅުވީ އެ ފަރާތުގެ ޕާސްޕޯޓު ހިފަހައްޓަން އެދިފައި ނުވާނެ ކަމަށާއި، އޭނާ ކުރީ ކުށެއް ކަމެއް ނުވަތަ ކުށެއް ނޫން ކަމެއް ވެސް އެނގޭނީ ހައިކޯޓުން ނިންމާ ނިންމުމެއްގެ މައްޗަށް ކަމަށެވެ.

އަލީ ވަހީދު ބޭސްފަރުވާއަށް ފުރާވަޑައިގެންފައި ވަނީ މިމަހުގެ ނުވަވަނަ ދުވަހު އެވެ. އެހެން ނަމަވެސް ޕީޖީ އަށް 11 ވަނަ ދުވަހު ލިޔެކިޔުން ލިބުނުއިރު ފުރަން ހުއްދަ ދީފައިވާ ތާރީހެއްގެ ގޮތުގައި ވަނީ މިމަހުގެ 10 ވަނަ ދުވަސް ކަމަށް ޕީޖީ ވިދާޅުވި އެެވެ. އެހެންކަމުން އެމައުލޫމާތު ރަސްމީކޮށް ކަށަވަރުކުރުމަށް މިހާރު އިމިގްރޭޝަނަށް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިމައްސަލައިގައި އަލީ ވަހީދު ފުރުވައިލުމުގައި މައްސަލަ ބެއްލެވި ގާޒީގެ އިހުމާލު ވާކަމަށް ޕީޖީ ވަނީ ތުހުމަތުކުރައްވާފަ އެވެ.

އަލީ ވަހީދު ކުއްލި ގޮތަކަށް ރާއްޖެއިން ބޭރަށް ވަޑައިގެންފައި މިވަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވަނިކޮށެވެ. އޭނާ ކޯޓަށް ހާޒިރު ނުކޮށްވެސް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ޕީޖީ ވަނީ ވިދާޅުވެފަ އެވެ.