ޕީއެންސީގެ ރައީސް އަދި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ހައްޔަރު ކުރުމަށް ފަހު ދޫކޮށްލައިފި އެވެ.
އޭނާ ހައްޔަރުކުރީ މިއަދު ކުރިއަށް ގެންދިޔަ އިދިކޮޅު އިހުތިޖާޖުގެ ތެރެއިންނެވެ.
ފުލުހުން ބުނީ އެޗްޕީއޭގެ ގައިޑްލައިންއާ ހިލާފަށް އަބްދުއްރަހީމް އަބްދުﷲގެ ލީޑާޝިޕްގެ ދަށުން ކުރިއަށް ގެންދިޔަ އެއްވުމެއް ރޫޅާލުމުގެ ބޭނުމުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައުލޫމާތު ސާފު ކުރުމަށް ފަހު މިހާރު އަބްދުއްރަހީމް ދޫކޮށްލާފައިވާ ކަމަށެވެ.
އަބްދުއްރަހީމް މީގެ ކުރިންވެސް ހައްޔަރުކޮށްފައިވެއެވެ. އެ ފަހަރު އޭނާ ބަންދުގައި ބެހެއްޓުމުގެ އަމުރަކަށްވެސް ފުލުހުން އެދުނެވެ. އެ އަމުރަށް އެދެމުން ފުލުހުން ބުނީ އަބްދުއްރަހީމް އަކީ މުޖްތަމައުއަށް ނުރައްކަލެއް ކަމުން ބަންދުގައި ބަހައްޓަން އަމުރެއް ދިނުމަށް އެދޭ ކަމަށެވެ. ނަމަވެސް އެ އަމުރު ނެރެދޭން ކޯޓުން ދެކޮޅު ހެދިއެވެ.
އިދިކޮޅުން ކޮންމެ ދުވަހަކު ސިލްސިލާ އިހުތިޖާޖުތައް ކުރިއަށް ގެންދެއެވެ. އަދި ކޮންމެ ހުކުރު ދުވަހު ބޮޑު އެއްވުމެއް ބާއްވައެވެ. މި ދުވަސްވަރަކީ ކޮވިޑްގެ ހާލަތު ވަރަށް ގޯސް ދުވަސްވަރަކަށް ވުމުން އެއްވުންތައް ބޭއްވުން ވަނީ މަނާކޮށްފައެވެ. އެއްވުންތައް ބާއްވާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ވަނީ އިންޒާރު ކޮށްފައެވެ. ނަމަވެސް އިދިކޮޅު ޕާޓީން ބުނީ އަންނަ ހުކުރު ދުވަހުވެސް މުޒާހަރާ ކުރާނެ ކަމަށާ ކޮންމެ ދުވަހަކު ހަވީރު ބާއްވާ އިހުތިޖާޖުތައްވެސް ކުރިއަށް ގެންދާނެ ކަމަށެވެ.