މާލޭގެ މަގުތަކަކީ ފަސޭހަ ތަނެއް ނޫނެވެ. އެކަމު މާލޭގެ ބޮޑެތި މަގުތަކާއި ކުދިމަގުތަކުން ކުޑަ ކުޑަ ހިތްގައިމުކަމެއް ފެނެއެވެ. ކޮންކްރީޓް މި ހާލީގެ މެދުން ފެންނަ ރީތި މާތަކުންނެވެ. އެކި ތަންތަނުގައި ނަލައަށް އިންދައި ބޯކޮށް ހައްދާފައިވާ ބޯގަންވިލާއިންނެވެ. ބޯގަންވިލާއަކީ ހޫނު ގަދަ ތަންތަނުގައި ހެދޭ ރީތީ ގަހެކެވެ. ވެލެއްގެ ގޮތުގަ އާއި ގަހުގެ ގޮތުގައި ބޯގަންވިލާ ހައްދާފައި ހުއްޓާ ނުފެންނަ މަގެއް ވަރަށް މަދުވާނެ އެވެ. މާލޭގެ އޯކިޑު މަގާއި ރޯޝަނީ މަގާއި ސޯސަން މަގާއި ހިތަށްފިނިވާ މަގުން ވެސް ބޯކޮށް ބޯގަން ވިލާ ފެނެއެވެ. ކޮންމެވެސް އެއް ގެޔަކުން ނުވަތަ އޮފީހަކުން ނުނީވިއްޔާ ކެފޭއަކުން ނުވަތަ މިސްކިތެއްގައި ފޮޅިފައިވާ މަލާއެކު ހިތަށް ފިނިކަން ލިބެއެވެ. އުފާވެރިކަމެއް ލިބެ އެވެ.
ގޭތެރޭގައި ކިތަންމެ ގަސް އިންދާ ހިތްވިޔަަސް ޖާގަ ނެތިގެން އެތައް ބަޔަކު އުޅެއެވެ. ޖާގައެއް ނެތް މި މާލޭގައި ޓެރަހާއި ބެލްކަނީ އަދި ވައިގޮޅީގައި ވެސް ގަސް ހައްދާ ބަލަހައްޓާ މީހުން އުޅެ އެވެ. އަދި މި ގޮތަށް އުޅޭއުޅުމުގައި މަގުމަތިން މަލެއް ފެންނަ އިރަށް އުފާވެދާނެ އެވެ. ބޯގަންވިލާގައި އާއްމުކޮށް ފިޔާތޮށި ކުލަ ފެންނަ އިރު ރީނދޫ އަދި ހުދަ ކުލަވެސް ހުރެއެވެ. ބޯގަންވިލާ ވަނީ މިފަހުން ވަރަށް ބޮޑަށް ޓްރެންޑިން ގަހަކަށް ވެސް ވެފައެވެ.
ބޯގަންވިލާގެ އެންމެ ރީތީ ކޮން ކުލައެއްތަ؟
އެހެން ހުރިހާ އެއްޗެކޭ އެއްގޮތަށް ގަސްފިހާރަތައް ވެސް މިހާރު އޮންލައިން އެވެ. ބޯގަންވިލާގެ ހުރިހާ ކުލައެއްހެން އޮންލައިންކޮށް ލިބެން ހުރެ އެވެ. ކުޑަ ބޯގަންވިލާގެ ގަހެއްގެ އަގު އޮންލައިންކޮށް ބައެއް ޕޭޖްތަކުގެ އަގުތައް އުޅެނީ 300 އެއްހާ ރުފިޔާށެވެ. މި ދުވަސްކޮޅު ބޯގަންވިލާ ހިނގަ އެވެ. އެއަށް ޑިމާންޑް އެބައޮތެވެ. މިކަން އެނގެނީ އޮންލައިން ފިހާރަތަކުގެ ޕޭޖްތައް ބަލާއިރު އެންމެ ހިތަށް އުނދަގޫ ލަފުޒު "ސޯލްޑް" ޖަހާފައިވާ ޕޯސްޓް ގިނަ ކަމުންނެވެ.
އެކި މީހުންނަށް ރީތި ވާނީ އެކި ކުލަ ކުލައެވެ. ގަހަކީ މީހާ ހިތްހަމަޖެހޭ އަދި އުފާވެރިކަން ގެނެސްދޭ އެއްޗެއްކެވެ. ފިހާރައަކުން ގަނެގެން ގޭގައި ގަސް ބޭންދުމުގެ ބަަދަލުގައި އަމިއްލައަށް އިންދައިގެން ނުވަތަ ކުރިކޮޅެއް ރޯ ކޮށްގެން އެ ގަސް ފޯދި މާ އަޅާތަން ފެނުމުން ލިބޭ ހިތްހަމަޖެހުން ބޮޑެވެ. ބޯގަންވިލާ ވެސް މިގޮތަށް ކުރިކޮޅަކުން އަމިއްލަ އަށް ހައްދާ ލެވޭނެ އެވެ.
މީގެ ކުރިން ވެސް ބޯގަންވިލާ މިއީ ޕާޓީތަކަށް މޭޒުމަތި ރީތި ކުރުމަށް ބޭނުން ކުރަމުން އައި މަލެކެވެ. ފަހަކަށް އައިސް ބޯގަންވިލާގެ ޓްރެންޑް ކައިވެނި ޕާޓީ ޒީނަތްތެރި ކުރުމަށް ވެސް ވަކިން ބޮޑެވެ. ހަދިޔާ ބަދަލު ކުރުމުގައިވެސް ޕާރުސަލް ކުރުމުގައި މި މާ އަވަހަށް މޯޅި ނުވާތީ ބޭނުން ކޮށްލެވެއެވެ.
ބޯގަންވިލާ ބަގީޗާ ގަހެއްގެ ގޮތުގައި ކަމުދާ ފަރާތަކުން ބުނާ ގޮތުގައި ފަސޭހައިން ހައްދާލެވިފައި މަލުގެ ކުލައަށް ބަދަލެއް ނައިސް މާ ގިނަ ދުވަސްވަންދެން ފޮޅިފައި ރީތިކޮށް ހުރެ އެވެ. އަދި ހުރިހާ ކުލައެއް އެއްކޮށް އަދި ވަކި ވަކިން ވެސް ހައްދާލެވޭތީ ތަފާތު ލޮލުގައި އަޅައިގަންނަ ރީތި ކަމެއް ހުރެ އެވެ.
ބޯގަންވިލާއަކީ ފަސޭހައިން ރޯވެ ހެދޭ ގަހެެކެވެ. ބާރަ ނުވަތަ 15 އިންޗީގެ ކުރިކޮޅެއް ހޯދައި އެ ކުރިކޮޅު ހުރިހާ ފަތްތައް ޓްރިމްކޮށްލާ އެންމެ ފުރަތަމަ ބަހައްޓާނީ ފެނުގަ އެވެ. އަދި އެއަށްފަހު ހަފުތާ އެއް ދެ ހަފުތާއެއް ފަހުން މޫލާން ފެށުމުން ވެލީގައި އިންދަންޖެހެ އެވެ. ވެލީގައި އިންދާފައި މާ ގިނައިން ފެން ދޭކަށް ނުޖެހެ އެވެ. ގަސްއެއްކޮށް ނުހިކޭ ވަރަށް ދެ ދުވަހުން އެއް ދުވަހު ފެން ދިނުން ރަނގަޅެވެ. އަދި މީގެ ތިން ހަތަރު ހަފުތާ ފަހުން އާ ފަތް ފަޅާ ގަސް ހެދެން ފަށަ އެވެ. ބޭނުން ކޮންމެ ވެސ ކުލައެއްގެ ބޯގަންވިލާ ގަހެއް މިގޮތަށް ހެއްދޭތޯ ބަލަން ހިނގާ ބަލާށެވެ.