ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައްޑޫ ސިޓީ

އައްޑޫގެ ޕޮޒިޓިވް ކޭސްތަކާ ގުޅުންހުރި 700 ކޮންޓެކްޓް

އައްޑޫ ސިޓީގައި ކޮވިޑް ޕޮޒިޓިވް ކޭސްތަކާއި ގުޅުންހުރި 700 ކޮންޓެކްޓް ފާހަގަ ކުރެވިފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އައްޑޫގައި ކޮވިޑްގެ ދެ ކްލަސްޓާއެއް ވެއެވެ. އެއީ ހިތަދޫ ކްލަސްޓާ އާއި ހުޅުމީދޫ ކްލަސްޓާ އެވެ. އެ ދެ ކްލަސްޓާއާ ގުޅުންހުރި ބައެއް މީހުން އައްޑޫ ސިޓީގެ އެހެން ރަށްތަކުންވެސް ދަނީ ފެންނަމުންނެވެ.

އާދިއްތަ ދުވަހު މީދޫ އިން ނެގި ރެންޑަމް ސާމްޕަލްތަކުން ދެ ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފައެވެ. އަދި އިއްޔެ ފޭދޫއިން އެކަކު ޕޮޒިޓިވްވެފައިވެއެވެ.

އެޗްއީއޯސީން ބުނީ އައްޑޫގެ ޕޮޒިޓިވް ނަންބަރު 48 އަށް އަރާފައިވާއިރު ކޮންޓެކްޓުންގެ އަދަދު 700 އިން މަތީގައިވާ ކަމަށެވެ.

ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދާތީ އެޗްޕީއޭއިން އެ ސިޓީގައި މި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފައެވެ. އެ ގޮތުން ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާ ކޮށްފަ އެވެ. ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ވެސް ވަނީ މަނަލެވެ. އައްޑޫ ސިޓީގެ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމާއި އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލަން ވެސް ވަނީ އަންގާފައެވެ.

އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން މަނާކޮށް ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ވަނީ ބަންދު ކޮށްފައެވެ. ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް އަދި ޔުނިވާސިޓީތަކާއި ކޮލެޖް، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުންވެސް ވަނީ ހުއްޓާލާފައެވެ. ހޮޓާ / ކެފޭ، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓާ ޑެލިވަރީ ނޫނީ ނުކުރެވޭ ގޮތަށް ވަނީ ހަދާފައެެ.

މީގެ އިތުރުން އައްޑޫ ސިޓީގެ ހުރިހާ މިސްކިތްތަކެއްގައި ޖަމާއަތް ނުހެދުމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.