ޓީވީ ސީރީޒް

ޓީވީގައި ދިޝާއަށް ރާހޫލް ޕްރޮޕޯސްކުރި ސަބަބު

"ބިގް ބޮސް"ގެ 14 ވަނަ ސީޒަން މިދިޔަ އާދީއްތަ ދުވަހުގެ ރޭ ނިމިފައިވާއިރު މި ސީޒަންގެ އެއްވަނަ ލިބުނީ ޓީވީ ބަތަލާ ރޫބީނާ ދައިލަކް އަށެވެ. ރަނަރަޕަކީ ލަވަކިޔުންތެރިޔާ ރާހޫލް ވައިދްޔާ އެވެ. މި ޝޯގެ ބައިވެރިއެއްގެ ގޮތުގައި ބިގް ބޮސްގެ ގޭގައި ހުރެގެން ރާހޫލް ވަނީ ޓީވީ ބަތަލާ ދިޝާ ޕަރްމާރް ކައިރީ ކައިވެންޏަށް އަހާފަ އެވެ.

މި ޝޯ ނިމުމުން ބިގް ބޮސްގެ ގެއިން ނުކުމެ ރާހޫލް ދިން ފުރަތަމަ އިންޓަވިއުގައި ބަލާ ގިނަ ބަޔަކު ބަލާ ޓީވީ ޗެނަލަކުން ދެއްކި ޝޯއެއްގައި ދިޝާއަށް ޕްރޮޕޯސްކުރީ އެއީ ވަރަށް ފުރިހަމައަށް ކުރި ޕްރޮޕޯސަލް އަށް ހަދަން ކަމަށެވެ.

"ދިޝާ އަބަދުވެސް ބުނާނެ އޭނާ ކައިރީ މީހަކު ކައިވެންޏަށް އަހާއިރު ވަރަށް ފުރިހަމައަށް އެކަން ކުރަން އޭނާ ބޭނުން ވެޔޭ. އެހެންވެ އަހަރެން ވެސް އެކަން ވީ އެންމެ ފުރިހަމައަކަށް ކުރަން ވެގެން ނެޝަނަލް ޓީވީގައި އެތައް މިލިއަން މީހުންނަށް ފެންނަ ގޮތަށް އެކަން ކުރީ،" ރާހޫލް ބުންޏެވެ.

ދިޝާއަށް ރާހޫލް ޕްރޮޕޯސްކުރީ ދިޝާގެ އުފަން ދުވަހާ ދިމާކޮށެވެ. ރާހޫލް ބުނި ގޮތުގައި ދިޝާ ދެކެ ލޯބިވާ ވަރު އޭނާއަށް އިހްސާސް ކުރެވުނީ ބިގް ބޮސްގެ ގޭގައި ހުރި ދުވަސްވަރު އެވެ.

ރާހޫލް އާއި ދިޝާގެ ކައިވެނި އަންނަ ޖޫން މަހު ބާއްވަން ތައްޔާރުވަމުންދާ ކަމުގެ ޔަގީންކަން ވެސް ރާހޫލް ދިނެވެ.

"ހުރިހާ ޖަޒުބާތަކާއި ގުޅުންތަކެއް ބިގް ބޮސްގެ ގޭގައި ހޭދަކުރި ދުވަސްތަކުގައި އަހަންނަށް ވަރަށް ރަނގަޅަށް އިހްސާސްވި. އަހަރެން ހިތަށް އެރި އަހަރެންގެ ހަޔާތާ ގުޅިފައިވާ ރީތި އަންހެންކުއްޖާ ދިޝާ އާ ކައިވެނި ނުކުރަންވީ ކީއްވޭ. އެހެން ހިތަށް އަރާ ގައުމީ ޓީވީގައި ޕްރޮޕޯސްކުރީ،" ޓައިމްސް އޮފް އިންޑިޔާއަށް ދިން އިންޓަވިއު އެއްގައި ރާހޫލް ބުންޏެވެ.

ރާހޫލް ބިގް ބޮސްގެ ގޭގައި ހުއްޓާ އޭނާގެ މަންމަ އާއި ދިޝާގެ އާއިލާއިން ވަނީ ކައިވެނީގެ މަޝްވަރާތައް ކޮށް އެކަމުގެ އިންތިޒާމުތައް ކުރަން ފަށާފަ އެވެ.

ރާހޫލް އަކީ "އިންޑިއަން އައިޑޮލް"ގެ ފުރަތަމަ ސީޒަންގެ ވެސް ރަނަރަޕް އެވެ. އަބިޖީތު ސާވަންތު އާ ވާދަކޮށް ރާހޫލް އަށް އެފަހަރު ވެސް އެއްވަނަ މަގާމު ގެއްލުނީ އެވެ.

ދިޝާ އަކީ ސްޓާ ޕްލަސް އިން ތަންކޮޅެއް ކުރިން ދެއްކި ވަރަށް މަޝްހޫރު ސިލްސިލާއެއް ކަމަށްވާ "ޕިޔާރް ކާ ދަރްދް ހޭ މީޓާ މީޓާ ޕިޔާރާ ޕިޔާރާ" ގެ ބަތަލާގެ ރޯލު ކުޅުނު ޒުވާން އެކްޓަރެވެ.