އިނިގިރޭސިވިލާތުން މިހާރު އަމާޒު ހިފާފައި ވަނީ ޖުލައި ނިމުމުގެ ކުރިން ބޮޑެތި އެންމެންނަށް ވެކްސިން ދިނުމަށެވެ. މިއީ އެ ގަމުން މީގެ ކުރިން ކަނޑައެޅި ލަނޑުދަނޑިއަށްވުރެ އެއް މަސް ދުވަސް އަވަސް މުއްދަތެކެވެ.
އުމުރުން ދުވަސްވީ މީހުން އަދި ސިއްހީ މައްސަލަތައް ހުންނަ ކަމަށް ދަރަޖަ ކުރެވޭ މީހުންނަށް އޭޕްރީލްގެ ނިޔަލަށް ވެކްސިންދީ ނިންމާނެ ކަމަށް އިނގިރޭސިވިލާތުން ވަނީ ބުނެފަ އެވެ.
ވެކްސިންދޭން ކުރި ކަނޑައެޅި މުއްދަތަކަށް ވުރެ އަވަސްކޮށް ރައްޔިތުންނަށް ވެކްސިންދިނުމަކީ، ޔޫރަޕްގެ ގައުމުތަކަށް އުނދަގޫ ކަމެއް ނަމަވެސް، އިނގިރޭސި ހެލްތު ސެކްރެޓަރީ، މެޓް ހޭންކޮކް ވިދާޅުވި ރައްޔިތުންނަށް ވެކްސިންދޭ ސްޕީޑް އަވަސް ކުރުން ޔޫކޭއަށް މައްސަލައަކަށް ނުވާނެ ކަމަށެވެ.
އިނިގިރޭސިވިލާތުގައި ފައިޒާ-ބަޔޮންޓެކް އަދި އެސްޓްރަޒެނެކާގެ ވެކްސިނަށް ވެސް ވަނީ ހުއްދަދީފަ އެވެ. ޔޫރަޕް ގައުމުތަކުން ވެކްސިން ހޯދަން ވެކްސިން އުފައްދާ ކުންފުނިތަކާއެކު މިހާރު ވެސް މަޝްވަރާ މޭޒުދޮށުގައި ތިބިއިރު ސަޕްލައި ތާރީޚް އަދި ވެސް ކަށަވަރުނުވެ އެވެ.
އިނގިރޭސިވިލާތުގައި ޑިސެމްބަރު އަށެއްގައި އާންމުކޮށް ވެކްސިން ދޭން ފެށި ފަހުން، 17.2 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ ވެކްސިންދީފަ އެވެ. އެ ގައުމުން މިހާރު ހަމަޖައްސާފައި ވަނީ ދެވަނަ ޑޯޒްދޭ މުއްދަތު ލަސްކޮށް 12 ހަފުތާ ފަހުން ދިނުމަށެވެ. މިއީ މާ ލަސް މުއްދަތެއް ކަމަށް ބުނެ ފައިޒާ ކުންފުންޏާއި ބައެއް އެހެން ގައުމުތަކުން ޝަކުވާކުރި ނަމަވެސް، ޔޫކޭ ސައިންސްވެރިން ބުނީ އެއީ މައްސަލެއް ނޫން ކަމަށެވެ.