ރާއްޖެ ކުޅިވަރު

ވިކްޓަރީ އާއި ޓީސީ އެއްވަރުވެ ނިއުއަށް އެޑްވާންޓޭޖް

ވިކްޓަރީ އާއި ޓީސީ 1-1 އިން މިއަދު އެއްވަރުވެ، އުރީދޫ ދިވެހި ޕްރެމިއާ ލީގު ކާމިޔާބު ކުރުމަށް ނިއު ރޭޑިއަންޓަށް އެޑްވާންޓޭޖް ބޮޑުވެއްޖެ އެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖެހީ 37 ވަނަ މިނިޓްގައި ވިކްޓަރީގެ މުހައްމަދު ތަސްނީމެވެ. އެހެން މެޗުތަކާ ހިލާފަށް އާދައިގެ ކުޅުމެއް ފެނުނު ޓީސީއަށް އެއްވަރުކޮށްދިނީ 82 ވަނަ މިނިޓްގައި ނާއިޒް ހަސަން އެވެ.

ޓޭބަލުގެ ދެ ވަނާގައިވާ ޓީސީ، ވިކްޓަރީއާ ކުޅެ އެއްވަރުވުމުން އެއްވަނާގައިވާ އެންމެ ފަހުގެ ތިން އަހަރުގެ ޗެމްޕިއަން ނިއު އަށް ވަނީ ފަސް ޕޮއިންޓްގެ ލީޑެއް ލިބިފަ އެވެ.

ނިއު އަށް 23 ޕޮއިންޓް ލިބިފައިވާއިރު ޓީސީ އަށް ލިބިފައިވަނީ 18 ޕޮއިންޓެވެ. މި ދެ ޓީމުގެ މެޗާއެކު ލީގުގައި ކޮންމެ ޓީމަކަށް ބާކީ އޮތީ ފަސް މެޗެވެ. މިއަދުގެ މެޗު އެއްވަރުވުމުން ވިކްޓަރީ އަށް ލިބިފައިވަނީ 13 ޕޮއިންޓައެކު ތިން ވަނަ އެވެ.

ލީގުގައި މިރޭ ވާދަކުރާނީ ހަތް ވަނާގައި އޮތް ބީޖީ އާއި ހަތަރު ވަނާގައި އޮތް މާޒިޔާ އެވެ. މާޒިޔާ އަށް 12 ޕޮއިންޓް ލިބިފައިވާއިރު ބީޖީ އަށް ލިބިފައިވަނީ އަށް ޕޮއިންޓެވެ.