ޕާކިސްތާން ބޮޑުވަޒީރު އިމްރާން ހާނަށް ސްރީ ލަންކާއިން ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ. ލަންކާ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ ދެއްވި ދައުވަތަށް އިމްރާން އެ ގައުމަށް ވަޑައިގަތީ އިއްޔެ، ފެބްރުއަރީ 23 ގައެވެ. އިމްރާން ލަންކާގައި ދެ ދުވަހު މަޑު ކުރައްވާނެ އެވެ.
އިމްރާން ހާންއަށް ޝުކުރު ދަންނަވައި ބޮޑުވަޒީރު ރާޖަޕްކްސާ ވިދާޅުވީ، ގައުމުތަކުން ތަހަންމަލުކުރާ ކޮވިޑްގެ ނުރައްކަލުގެ ތެރޭގައި ލަންކާއަށް އިމްރާން ވަޑައިގަތީ ހިތްޕުލުގައި އޮތް ގާތް ކަމަކުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"އަޅުގަނޑު އެރުވި ދައުވަތު ގަބޫލުފުޅު ކުރައްވައި މަނިކުފާނު ވަޑައިގަތުން ނުހަނު ބޮޑު ގާތްކަމެއްގެ ގޮތުގައި ބަލައިގަންނަން،" ބޮޑުވަޒީރު ރާޖަޕަކްސާ ވިދާޅުވި އެވެ. "ދުނިޔެއަށް ދިމާވެފައި މިއޮތް ކޮވިޑްގެ ނުރައްކަލުގައި އަޅުގަނޑުމެންގެ ފަސްގަނޑަށް ވަޑައިގަތުން މާނަ ކުރެވެނީ އަޅުގަނޑުމެންގެ ސަރުކާރާ އަދި ރައްޔިތުންނާ މެދު ބަހައްޓަވާ އެކުވެރިކަން"
ރާޖަޕްކްސާ ވިދާޅުވީ ޕާކިސްތާން ކްރިކެޓް ޓީމް ލީޑް ކުރެއްވުމުގައި އިމްރާން ގެންގުޅުއްވި ހަރުދަނާކަން ގައުމު ހިންގެވުމުގައި ވެސް ފެނިވަޑައިގަންނަވާ ކަމަށެވެ. އީމްރާން ހާނަކީ ޕާކިސްތާނުގެ ކުރީގެ ކްރިކެޓް ކެޕްޓަނެވެ.
އިމްރާން ވެސް ވަނީ ރާޖަޕަކްސާއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފަ އެވެ. އަދި ލަންކާ ކްރިކެޓް ޓީމް ކުރިއަރައިގެން އައިސް ދުނިޔޭގެ ޗެމްޕިއަންކަން ހޯދުން އިމްރާން ސިފަ ކުރެއްވީ ލަންކާއިން ތަރައްގީގައި ވެސް ހޯދާނެ ކުރިއެރުމެއްގެ ގޮތަށެވެ.
އިމްރާން ފާހަގަ ކުރެއްވި ގޮތުން ދެ ގައުމަށް ވެސް ދިމާވެފައި އޮތް އެންމެ ބޮޑު ނުރައްކަލަކީ ޓެރަރިޒަމެވެ. އަދި ވިދާޅުވީ ލަންކާއިން ޒަމާންތަކެއް ވަންދެން ޓެރަރިޒަމާ ހަނގުރާމަކުރި ކަމަށާއި ރާޖަޕަކްސާ ޒައާމަތުގައި ކަޑައްތު ކުރެއްވީ އުނދަގޫ ދުވަސްތަކެއް ކަމަށެވެ.
ޕާކިސްތާނާ ލަންކާ އަަކީ ޓޫރިޒަމަށް ބަރޯސާކުރާ ދެ ގައުމު ކަމަށާއި ޓެރަރިޒަމާ ހެދި ޕާކިސްތާންގައި އިންވެސްޓް ކުރާނެ ބަޔަކު ނުވެދިއަ ޒަމާން ހިނގައްޖެ ކަމަށް ވެސް ބޮޑުވަޒީރު އިމްރާން ވިދާޅުވި އެވެ.
ޕާކިސްތާން ބޮޑުވަޒީރު އިމްރާން ވަރަށް އިހުތިރާމާއެކު ނޫސްވެރިންގެ ކުރިމަތީގައި ލަންކާ ބޮޑުވަޒީރަު ރާޖްޕަކްސާއަށް ޕާކިސްތާނަށް ވަޑައިގަތުމަށް ދައުވަތު ވެސް ދެއްވި އެވެ. އެ ދައުވަތު ތަކުރާރު ކުރައްވައި ފަސޭހަފުޅު ވަގުތެއްގައި ސަރުކާރު އޮފިޝަލުންނާއެކު ވަޑައިގަތުމަށް ވެސް ދެންނެވި އެވެ.