ފިނިޕޭޖް

އާމިރު ޚާންގެ "ޕީކޭ"ގެ ސީކުއަލްގެ ބަތަލަކީ ރަންބީރު

އާމިރު ހާން 2014 ގައި ކުޅުނު ބްލޮކްބަސްޓާ ފިލްމު "ޕީކޭ" ގެ ސީކުއަލް އެއްގެ މަސައްކަތް ފަށައިފި އެވެ. މި ފަހަރުގެ ފިލްމުގައި ލީޑް ރޯލު ކުޅޭނީ ރަންބީރު ކަޕޫރު ކަމަށް ވެސް އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ބުނެފަ އެވެ.

ފިލްމުގެ ޕްރޮޑިއުސަރު ވިދޫ ވިނޯދް ޗޯޕްޅާ ވަނީ މި ހަބަރަކީ ތެދެއް ކަން ޔަގީންކޮށްދީފަ އެވެ. އިންޑިޔާގެ ނޫހެއް ކަމަށްވާ މިޑް-ޑޭއަށް ދިން އިންޓަވިއު އެއްގައި ވިނޯދް ޗޯޕްޅާ ބުނީ ފިލްމުގެ ސީކުއަލް އެއް އުފައްދަން މިހާރު ވަނީ ނިންމާފަ އެވެ.

"ޕީކޭ" ނިމޭ މަންޒަރުގައި ރަންބީރުގެ ކެރެކްޓާ ޕްލެނެޓެއް ލޭންޑް ކުރާތަން ދައްކާފައިވާނެ ކަމަށާއި އެހެންވީމަ އެހިސާބުން އަނެއްކާ ވެސް އެހެން ވާހަކައަކަށް ފުރުސަތު ހުޅުވިފައިވާ ކަމަށް ވެސް ޕްރޮޑިއުސަރު ބުންޏެވެ. ވިނޯދް ޗޯޕްޅާ ބުނި ގޮތުގައި "ޕީކޭ" ގެ ވާހަކަ ލިޔުނު އަބިޖާދު ޖޯޝީ އަދި އޭގެ ދެވަނަ ބައި ލިޔާކަށް ނުފަށަ އެވެ. އޭނާ ލިޔެ ނިމުމާއެކު ފިލްމުގެ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން ޕްރޮޑީއުސަރު ދިނެވެ.

"މުންނާބާއީ" ސީރީޒްގެ ފިލްމުތަކާއި "ތުރީ އިޑިއަޓްސް" އަކީ ވެސް ވިނޯދް ޗޯޕްޅާ ޕްރޮޑިއުސްކުރި ފިލްމުތަކެވެ. ނަމަވެސް ފައިސާ ހޯދުމުގެ ބޭނުމުގައި މީގެން އެއްވެސް ފިލްމެއްގެ ސީކުއަލް އެއް ނަހަދާނެ ކަމަށް ޕްރޮޑިއުސަރު ބުންޏެވެ.

"އަހަރެމެން މިއުޅެނީ ވިޔަފާރިކުރާކަށް ނޫން. ރަނގަޅު ސިނަމާއަކަށް މަސައްކަތް ކުރަނީ. އެހެން ނޫންނަމަ މިހާރު 'މުންނާބާއީ' ސީރީޒްގެ ވެސް ހައެއްކަ ފިލްމު ނުކުމެދާނެ. އަދި "ޕީކޭ" ގެ ވެސް ދެ ތިން ފިލްމެއް މިހާރު އޮތީހީ ރިލީޒްކޮށްފައި. އަހަރެމެންނަށް ލިބޭ މަދު ކްރޯޑުން ވެސް އަހަރެމެންނަށް ހިތްހަމަޖެހާއި އުފާވެރިކަން ލިބެނީ ކޮލިޓީ ރަނގަޅު މޮޅު ފިލްމެއް ތަކެއް އުފެއްދުނީމަ،" ވިނޯދް ޗޯޕްޅާ ބުންޏެވެ.

"ޕީކޭ" އަކީ ވަރަށް މަޖާ އަދި އެހާމެ މުނިފޫހިފިލާ ފިލްމެކެވެ. މި ފިލްމުގައި އާމިރު ކުޅެފައި ވަނީ ދުނިޔޭގެ ބިމަށް އާދެވިގެން އުޅޭ އޭލިއަން އެއްގެ ކެރެކްޓާ އެވެ. އިންސާނުންގެ ދިރިއުޅުން ފެނިފައި އާސޯހު ވެގެން އެމީހުން ކޮޕީ ކޮށްގެން އޭނާ ބިންމަތީގައި އުޅޭ ގޮތާއި އެ އުޅުމުގެ ތެރޭގައި ދިމާވާ މަޖާ އެކި ހާދިސާތައް މި ފިލްމުން ފެނެ އެވެ.

ފިލްމުގެ ނިމޭ ތަނުގައި ފެންނަނީ ފިލްމުގައި އާމިރުގެ ކެރެކްޓާގެ އެކުވެރިއެއްގެ ގޮތުގައި ރަންބީރުގެ ކެރެކްޓާ ވެސް ދުނިޔޭގެ ބިމަށް އަންނަ ތަނެވެ. އެހެން ކަމުން މި ފިލްމުގެ ދެވަނަ ބައެއްގައި ދައްކާނީ ރަންބީރުގެ ކެރެކްޓާ ކަން ކުރިން ވެސް އޮތީ ޔަގީން ކުރެވިފަ އެވެ.

ރާޖްކުމާރު ހިރާނީ ޑައިރެކްޓްކުރި "ޕީކޭ"ގައި ސުޝާންތު ސިންގް ރާޖްޕޫތާއި އަނުޝްކާ ޝަރުމާ ވެސް މުހިއްމު ބައިތަކެއް ކުޅެފައި ވެއެވެ.