ރައީސް އަބްދުﷲ ޔާމީން އަވަރާކޮށްލަން ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ފަށާފައިވާ ތަހުގީގެ ތެރޭގައި މިއަދު ވެސް ފުލުހުން އިތުރު ގެއަކަށް ވަދެ ފާސް ކޮށްފި އެވެ.
މިއަދު ހަވީރު ފުލުހުން ވަދެ ފާސް ކުރީ ބިންމާ ސްޓޯރު ހިމެނޭ ސަރަހައްދުގައި ތިންގެއެއް ހިމެނޭ ގޮތަށް ހުންނަ އިމަރާތެވެ. އެ އިމާރާތުގައި ހުންނަނީ ކޮކޯގެ އާއި ކޮކޯ އާއި ކޮކޯމާ އެވެ. މިގެއަށް ވަދެފައި ވަނީ ހަމައެކަނި ފުލުހުންނެވެ. ދިލްބަހާރު މަގުގައި ހުންނަ މި އިމާރާތުން ފާސް ކުރަނީ އެއްވަނަ ފްލޯގެ "ސީ ވަން" އެޕާޓްމަންޓެވެ.
ފުލުހުންނާއި ފޮރެންސިކް ޓީމެއް އެގޭތެރޭގައި ހަރަކާތްތެރި ވުމަށް ފަހު މިރޭ 7:50 ކަންހާއިރު ވަނީ ފާސް ކުރުން ނިންމާލާފަ އެވެ. އެ ގެ ފާސްކުރި އިރު އެ ސަރަހައްދު ބަންދުކޮށްފައި އޮތުމުން ނޫސްވެރިންނަށް ކައިރިއެއް ނުވެވެ އެވެ.
މި ގެ ފާސް ކުރުމުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ވަނީ އެގެއިން ބަލާ ފާސް ކުރި އެޕާޓްމަންޓުގެ ދޮރުފަޅާލާފައެވެ. މައްޝޫރު ލަވަކިޔުންތެރިޔާ އުނޫޝާ އާއި އޭނާގެ ފިރިމީހާ ހަމީޝް ވެސް އުޅެނީ އޭގައި ކަމަށް ވެއެވެ.
ފުލުހުން ހިންގަމުން ގެންދާ ހާއްސަ އޮޕަރޭޝަންތަކުގައި ރޭ ވެސް މާލޭގެ ބައެއް ގޭގެ އައި ބަލައި ފާސްކުރި އެވެ. އެގޮތުން ރޭ ފާސް ކުރި މއ. ގޯލްޑަން ބީމް އިން ފިސްތޯލައެއް ފެނިފައިވާއިރު ބައެއް އެހެން ތަންތަނުން ވެސް ހަޔާރުތަކެއް ވަނީ ފެނިފަ އެވެ. އޭގެ ތަފުސީލްތަކެއް އަދި މިހާތަނަށް ސާފެއް ނުވެއެވެ.
ރައީސް އަވަހާރަކޮށްލަން މިދިޔަ މަހުގެ 28 ވަނަ ދުވަހު، އެމަނިކުފާނު ދަތުރު ކުރެއްވި ލޯންޗުގައި ބޮމެއް ގޮއްވާލި ހާދިސާ އަށް ފަހު ސިފައިންނާއި ފުލުހުން ބައެއް ގެތަކާއި އޮފީސްތަކާއި ރިސޯޓްގެ ގޮތުގައި ތަރައްގީކުރާ ބައެއް ރަށްރަށް ފާސް ކުރާއިރު މީގެ ކުރިން ވެސް ވަނީ ބައެއް ގޭގެއިން ބޮން ހަދާ ސާމާނު ފެނިފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ކަށަވަރުކޮށް ދީފަ އެވެ.
މި އޮޕަރޭޝަންތަކުގައި ނައިބު ރައީސް އަހުމަދީބާއި ބައެއް މީހުން ހައްޔަރުކޮށްފައިވާއިރު ރޭވެސް ދެމީހަކު ހައްޔަރުކުރި އެވެ.
ލޯންޗުގައި ގޮއްވާލާފައި ވަނީ ބޮން ހަދަން ބޭނުން ކުރާ ބާރުގަދަ އެކްސްޕްސިވް އެއް ކަމަށްވާ ސީ4 ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއް ކަމަށް ތަހުގީގުގައި ބައިވެރިވި ސައޫދީ އަރަބިއްޔާގެ ފޮރެންސިކް ޓީމުން ވަނީ ކަށަވަރުކޮށްދީފައެވެ.