މޯލްޑިވްސް ޕޮލިސް ސާވިސް

ހީލަތުން ތަރުކާރީއާއި މޭވާ އެތެރެކޮށް ފައިސާ ނުދައްކާ ބަޔަކު އުޅޭތީ ހޯދަނީ

Jan 28, 2021
3

ހީލަތް ހަދައިގެން ރާއްޖެއަށް ތަރުކާރީ އާއި މޭވާ އެތެރެކޮށް، ބޭރުގެ އެކި ކުންފުނިތަކަށް ދަންކަން ޖެހޭ ފައިސާ ނުދައްކާ މައްސަލަތަކެއް ފުލުހަށް ހުށަހަޅަމުން ދާތީ އެފަދަ ފަރާތްތައް ހޯދަން ފުލުސް އިދާރާއިން މަސައްކަތް ފަށައިފި އެވެ.

އެ އިދާރާގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި މި މަހުގެ މަހުގެ 16 ވަނަ ދުވަހު ފުލުހު އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓާއި އިންޓެލިޖެންސުން އޮޕަރޭޝަނެއް ހިންގި އެވެ. އެ ގޮތުން މާލޭގެ ދެ ގެއަކާއި ތިން އެޕާޓްމަންޓަކާއި އޮފީހެއް ރެއިޑް ކޮށް، ހުށަހެޅިފައިވާ މައްސަލަތަކާ ގުޅުންހުރި ގިނަ ހެކި، އެ ތަންތަނުން ހޯދި އެވެ.

ފުލުސް އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓާ ހަވާލާދީ ވެބްސައިޓްގައި ބުނަނީ މަކަރާއި ހީލަތުން ރާއްޖެއަށް ތަރުކާރީއާއި މޭވާ ތަކުރާރުކޮށް އެތެރެކޮށް ބޭރުގެ ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ 10 މައްސަލައެއް 2020 ގައި ފައިލް ކޮށްފައިވާ ކަމަށެވެ. އަދި މި މަހު ވެސް އޭގެ މައްސަލަ އެއް ރިޕޯޓްކުރި ކަމަށެވެ.

ފުލުހުން ބުނީ އެހެން އެތެރެކުރާ ތަރުކާރީއާއި މޭވާ ރާއްޖޭގެ ބާޒާރުގެ އަގަށްވުރެ އާދަޔާ ހިލާފަށް ހެޔޮކޮށް ވިއްކާ ކަމަށް ތަހްގީގަށް ފާހަގަވާ ކަމަށާއި އެއީ ވިޔަފާރަވެރިންގެ އިތުރުން ރާއްޖޭގެ އިގްތިސޯދަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާނެ ކަމަކަށްވާތީ އެކަމަށް ސަމާލުވާން އެދޭ ކަމަށެވެ. އެފަދަ ކަމެއް ފާހަގަވާނަމަ ރިޕޯޓް ކުރަން ވެސް އެދިފައި ވެއެވެ.