ހަބަރު

10 ސުކޫލެއްގެ ސެން ކްލާހަށް ބީއެމްއެލްގެ އެހީ

ރާއްޖޭގެ 10 ސުކޫލެއްގެ ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކްލާހަށް ބެންކް އޮފް މޯލްޑިވްސް އިން އެހީވެ ދީފި އެވެ.

ބީއެމްއެލް އިން ބުނީ 10 ސުކޫލެއްގެ ސެން ކްލާހަށް ބޭނުންވާ ސާމާނު މިއަދު ހަދިޔާ ކޮށްފައިވާނެ ކަމަށެވެ. ހަދިޔާކުރި ތަކެއްޗަކީ ކުދިންގެ ކިޔެވުމަށާއި އެހެން މީހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތެރިވުމަށް ބޭނުންވާ ހުނަރު ތަރައްގީކުރުމަށް އެހީތެރިވެ ދިނުމުގެ ގޮތުން ފޯރުކޮށްދީފައިވާ ތަކެތި ކަމަށް ބެންކުން ބުންޏެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގެ 10 ސުކޫލެއްގެ ސެން ކްލާހަށް ބޭނުންވާ ސާމާނު ހަދިޔާކުރިއިރު މިތަކެތިން 400 އަށްވުރެ ގިނަ ދަރިވަރުންނަށް ކިޔަވައިދިނުމަށް އިތުރު ލުއިފަސޭހަތަކެއް ވެގެން ދާނެ ކަމަށްވެސް ބެންކުން ބުންޏެވެ.

ނިމިދިޔަ އަހަރު ތެރޭގައި ވެސް ބެންކުން ވަނީ 10 ސުކޫލެއްގެ ސެން ކްލާހަށް ބޭނުންވާ ސާމާނު ހަދިޔާކޮށްފަ އެވެ.

ބެންކުގެ ސީއެސްއާރު ސްޓެރެޓެޖީގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަބަދުވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.