ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހއ. ކެލާ ސްކޫލް ކައިރީ ފިނި މައިޒާނަކާއި ދަރިވަރުން ބައިސްކަލް ޕާކު ކުރާނެ ޒޯނެއް ހަދައިފި އެވެ.
ބެންކުގެ އެހީގައި ކެލާގެ އައިޑިއާސް ޖަމްއިއްޔާ ހެދި ޕާކުގައި ބެލެނިވެރިން އިށީނދެ ތިބޭނެ ބެންޗުތައް ބަހައްޓާފައި ވެއެވެ. އަދި ދަރިވަރުން ބައިސްކަލް ޕާކު ކުރާނެ ޒޯނެއް ކަނޑައަޅައި އެ ސަރަހައްދު ހިޔާކޮށް، ތަރުތީބުން ބައިސްކަލް ޕާކުކުރެވޭނެ ގޮތް ހަދާފައި ވެއެވެ.
"ކުރިން ބައިސްކަލްގައި ކުދިން ސްކޫލަށް ގޮވައިގެންދާ ބެލެނިވެރިން ވެސް އަދި ދަރިވަރުން ވެސް ސްކޫލަށް ވަނުމުގެ ކުރިން ތިބެން ޖެހެނީ ކޮޅަށް، ބައެއް ފަހަރު އަވިދޭ ގޮތަށް. ބައިސްކަލް ޕާކް ކުރަން ވަކި ސަރަހައްދެއް ނެތުމުން އެކި ދިމަދިމާލުގައި ޕާކްކޮށްފައި ބަހައްޓާ" އައިޑިއާސްގެ މެމްބަރަކު ބުންޏެވެ.
އެ ޖަމިއްޔާ އިން ބުނީ، މިކަހަލަ ޕްރޮޖެކްޓަކުން ލިބޭ އެހީއަށް ބަލާއިރު މިއީ ރަށަށް މިވަގުތު ބޭނުން ކަމެއް ކަމަށެވެ.
ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ، ކެލާގައި ނިންމި ޕްރޮޖެކްޓަކީ ރަށުގެ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ފަސޭހަތަކެއް ހޯދައިދެވުނު އަދި ތިމާވެށްޓާ ރަށްޓެހި ޕްރެޖެކްޓެއް ކަމަށެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި ތަޢުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒު ކޮށްގެން ހުށަހަޅާ ޕްރޮޕޯސަލްތަކެކެވެ.
ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހު ނުވައަށް ވަނީ ހުޅުވާލާފަ އެވެ. މި ފިޔަވަހީގެ ދަށުން ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދެ އެވެ.