ހިޔާ މަޝްރޫއު

ހިޔާ ފްލެޓްތައް އަންނަ މަހު ހަވާލުކުރަން ފަށަނީ

ހިޔާ ފްލެޓްތައް އަންނަ މަހު ހަވާލުކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު އަހުމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އެ ފްލެޓްތަކަށް ވަދެވޭ ވަރުވާނީ އަންނަ މަހު ނިމޭ ހިސާބުގައި ކަމަށެވެ.

"އެހެން ނަމަވެސް [އެ ފްލެޓްތަކަށް] ނުއެއް ވަދެވޭނެކަން އެނގޭ ހަވާލުކުރިޔަސް. ހަމަ އެއާއެކީ އަޅުގަނޑު ދޭނަން އިތުރު ތިން މަސް މިކަމަށް އެއީ އަގު ނުނަގާ އެއީ ވަނުމަށް ޓަކައި ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި. އެ ފްލެޓްތަކަކީ ފިނިޝަން މަސައްކަތްތަކުގެ ބައެއް މަސައްކަތްތައް ނުކޮށް ހުރިތަނެއް. ފްލެޓްތަކުގައި އެތެރޭގަ ޓައިލްސް ޖަހާފައެއް ނެތް. އެތެރޭގެ ފާހާނާގަޔާ އެތެރޭގަ ދޮރެއް ނެތް" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ފްލެޓްތައް ހަވާލުކުރުމުގެ ކުރިން ފްލެޓްތައް ލިބުނު މީހުންގެ މައުލޫމާތުތައް ކަށަވަކުރުން ޖެހޭ ކަމަށާއި އެކަމަށްޓަކައި މިހާރު މުވައްސަސާތަކާ ބައްދަލުވެސް ކޮށްފައިވާ ކަމަށެވެ. އަދި އެ މައުލޫމާތުތައް ދެ ތިން ހަފްތާ ތެރޭ ބަލައި ސައްހަކަން ކަށަވަރުކޮށްދޭން މިހާރު އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފްލެޓްތައް ދިނުމުގެ ކުރިން އެ ފްލެޓްތައް ލިބޭ މީހުންނަކީ މީގެ ކުރިން އެއްވެސް ސޯޝަލް ހައުސިން ސްކީމަކުން ފްލެޓެއް ލިބިފައިނުވާ މީހެއްތޯ ބަލަން ޖެހެ އެވެ. އޭގެ އިތުރުން ދެމަފިރިއަކަށް ފްލެޓް ލިބިފައިނުވޭތޯއާއި މާލެއިން 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް އޮތްތޯ އާއި އެހެނިހެން މައުލޫތުތައް ފްލެޓް ހަވާލުކުރުމުގެ ކުރިން ބަލަން ޖެހެ އެވެ.

އަސްލަމް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ކަރަަންޓާއި ފެން ގުޅައިދިނުމުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.