ހަބަރު

ލިޔެކިޔުން ނުލިބޭތީ ނިހާންގެ ޝަރީއަތް ފަސްކޮށްފި

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ގުޅުންހުރި މައްސަލަތަކެއްގައި ދައުވާ ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކުގެ ޝަރީއަތް ކުރިއަށްގެންދަން ބޭނުންވާ ބައެއް ލިޔެކިޔުންތައް ނުލިބޭތީ ޝަރީއަތް ފަސް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އިބްތިދާއީ އަޑުއެހުން ނިންމާލީ ނިހާންގެ މައްސަލަ އެހެން ސެކްޝަނަކަށް ބަދަލުވެފައި ވާތީ އެކަން އެންގުމުގެ ލިޔުން އޭނާއަށް ލިބިފައި ނުވާތީ އެވެ.

އެހެންކަމުން އެކަން އެންގުމުގެ ސިޓީގެ އިތުރުން ބައެއް ލިޔެކުޔުންތައް ސާފުނުވާ ކަމަަށް ނިހާންގެ ފަރާތުން ބުނުމުން މިއަދުގެ އަޑުއެހުން ވަނީ އެހެން ދުވަހަކަށް ފަސް ކޮށްފަ އެވެ.

ނިހާންގެ މައްޗަށް ހަ ދައުވާއެއް އުފުލާފައި ވެއެވެ. އެއީ ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި ރިޝްވަތު ދިނުމުގެ ދެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ އެކެވެ.

މިމަހުގެ 11 ވަނަ ދުވަހު ވެސް ވަނީ ނިހާންގެ ޝަރީއަތުގެ އަޑުއެހުމެއް ބާއްވާފަ އެވެ. އެދުވަހު ދައުލަތުން އަލުން އެދިގެން ކޯޓުން ވަނީ އޭނާގެ ޕާސްޕޯޓު ހިފަހައްޓަން އަމުރު ކޮށްފަ އެވެ. އަދި ވަކީލަކު ހަމަޖެއްސަން ފުރުސަތު ދިނެވެ. މިއަދު އޮތް އަޑުއެހުމަށް އޭނާ ވަޑައިގެންނެވީ ވަކީލުން ހަމަޖައްސައިގެނެވެ.