ބޭންކް އޮފް މޯލްޑިވްސް

ގުރައިދޫގައި ބީއެމްއެލްއިން އެޓީއެމް ބަހައްޓައިފި

މާލެ އަތޮޅު ގުރައިދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސެލްފް ސާވިސް ބޭންކިން އޭޓީއެމްއެއް ބަހައްޓަައިފި އެވެ.

ގުރައިދޭ އޭޓީއެމް ސެންޓަރު ހުޅުވައި މިއަދު ވަނީ ހިދުމަތް ވެސް ދޭން ފަށައިފި އެވެ. މި ހިދުމަތަކާއެކު ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާ ކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ އެވެ.

ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ގުރައިދޫގައި އޭޓީއެމް ބެހެއްޓީ އަތޮޅުތަކުގެ ތެރޭގައި ފަސޭހަ ކަމާއެކު ހިދުމަތް ފޯރުކޮށްދިނުމާއި ބޭންކިންގެ ހިދުމަތް ފުޅާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.

"މި އޭޓީއެމްގެ ހިދުމަތަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުޅި ރާއްޖޭގެ ރައްޔިތުންގެ މަންފާއަށް ކުރެވެމުންދާ އިންވެސްޓްމަންޓް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްވެސްމެ،" ޓިމް ވިދާޅުވި އެވެ.

މާލެ އަތޮޅުގައި މިހާރުވެސް ހަތަރު ރަށެއްގައި ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތަކެއް ގާއިމް ކޮށްފައިވާއިރު ދެ ރަށެއްގައި ބީއެމްއެލްއިން ދަނީ ދެ ބްރާންޗެއްގެ ހިދުމަތް ވެސް ދެމުން ނެވެ. އޭގެ އިތުރުން މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އޭޖެންޓް މެދުވެރިކޮށް ބީއެމްއެލް އިން ދަނީ ކަސްޓަމަރުންނަށް ފައިސާ ނެގުމުގެ ހިދުމަތްވެސް ދެ އެވެ.

މިދިޔަ އަހަރު ބީއެމްްއެލްއިން ވަނީ ނުވަ ރަށެއްގައި އަލަށް ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރު ހުޅުވައި އިތުރު ފަސް ރަށެއްގައި ބަހައްޓާފައި ހުރި އޭޓީއެމް ސެލްފް ސާވިސް ބޭންކިން ހިދުމަތްތައް ލިބޭނެހެން ބަދަލު ގެނެސްފަ އެވެ.

ބީއެމްއެލްއިން ވަނީ 20 އަތޮޅެއްގައި 35 ބްރާންޗް ގާއިމްކޮށް 66 ސެލްފް ސާވިސް ބޭންކިން ސެންޓަރާއި 127 އޭޓީއެމް ގާއިމްކޮށްފަ އެވެ. އޭގެ އިތުރުން 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ ހިދުމަތް ދެއެވެ.