ދުނިޔެ

އަރުމީނިއާ ބޮޑުވަޒީރު އިސްތިއުފާދެއްވަން އަސްކަރިއްޔާއިން އަންގައިފި

އަރުމީނިއާގެ ބޮޑުވަޒީރު ނިކޮލް ޕަޝިންޔަން އިސްތިއުފާ ދެއްވަން އަސްކަރިއްޔާއިން ގޮވާލާއިފި އެވެ. ބަޔާނެއް މެދުވެރިކޮށް މި އަމުރު ނެރެފައި ވަނީ ޗީފް އޮފް ޖެނެރަލް ސްޓާފް، އޮނިކް ގަސްޕަރިޔަން އަދި ސީނިއާ ކޮމާންޑަރުން ގުޅިގެންނެވެ.

ބޮޑުވަޒީރު ޕަޝިންޔަން ރައްދުގައި ވިދާޅުވީ އަސްކަރިއްޔާއިން އުޅެނީ ބަޣާވާތްކުރަން ކަމަށެވެ. އަދި ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގަތީ އަސްކަރީއްޔާއާ ބައިވެރި ނުވުމަށާއި ބަހާ އަމަލުން ބަޣާވާތަށް ދެކޮޅުހެދުމަށެވެ.

"މިއަދު ހިނގައިދިއަ ކަންތަކާ ގުޅިގެން އަޅުގަނޑު މި އިޚްތިޔާރު ކުރަނީ ޗީފް އޮފް ޖެނެރަލް ސްޓާފް އަދި އޭނާގެ ޑިޕިއުޓީ މަގާމުން ދުރުކުރަން،" ނޫސްވެރިންނަށް މުޚާތަބު ކުރައްވައި ބޮޑުވަޒީރު ވިދާޅުވި އެވެ. އޭނާ ފަހުން ވަނީ ޗީފް އޮފް ޖެނެރަލް ސްޓާފް އަދި ޑިޕިއުޓީ މަގާމުން ދުރުކުރިކަން ފޭސްބުކްގައި އިއުލާން ކުރައްވާފަ އެވެ.

ޕަޝިންޔަން ވިދާޅުވީ ޗީފް އޮފް ޖެނެރަލް ސްޓާފް އަދި އޭނާގެ ޑިޕިއުޓީގެ މަގާމަށް މީހުން ހަމަޖެއްސެވުމަށް ޑިފެންސް މިނިސްޓަރަށް ދަންނަވާފައި ވާނެ ކަމަށާއި ލަސްތަކެއް ނުވެ އެކަން ހަމަޖެހިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ބޮޑުވަޒީރު ވެރިރަށް ޔެރެވާންގެ މަގުތަކަށް ނިކުމެވަޑައިގެން ސަޕޯޓަރުންނާއެކު ހިންގަވާލައްވައި ވަނީ އުންމީދީ ބަސްތައް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުން އަރުމީނިއާއަކީ ޑިމޮކްރެޓިކް ގައުމެކެވެ. ސަރުކާރުގެ މައްޗަށް ބާރުގަދަ ކުރުމަކީ އަސްކަރިއްޔާގެ ދައުރެއް ނޫނެވެ. އަސްކަރިއްޔާއަށް ލާޒިމް ވެގެން ވަނީ ސަރުކާރަށާއި ރައްޔިތުންނަށް ޚިދުމަތްކޮށް ދިނުމެވެ.

އަރުމީނިއާގައި ހަމަނުޖެހުން ހިންގަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. މައިގަޑު ސަބަބަކީ، ނަގޯނޯ ކަރަބާޚް ހޯދަން އަރުމީނިއާއާ ދެކޮޅަށް އަޒަރުބައިޖާނުން ކުރި ހަނގުރާމާގައި އަރުމޭނިއާ ބަލިވެ އަމާން ދިނުމެވެ. އަދި އަޒަރުބައިޖާނުން ބޭނުންވި ގޮތަށް ނަގޯނޯ ކަރަބާޚް އެ ގައުމާ ހަވާލު ކުރުމެވެ. ހަނގުރާމަ ނިންމައި ހަމަޖެހުމާ ހަމައަށް އައުމުގައި ރަޝިއާ އަދި ތުރުކީގެ ދައުރު ވަރަށް ބޮޑެވެ.

އަޒަރުބައިޖާންގެ އެޝަރުތު ބޮޑުވަޒީރު ޕަޝިންޔަން ގަބޫލުކުރެއްވި ހިސާބުން އަރުމީނިއާގެ ގިނަ ބަޔަކަށް އޭނާ ކަމަކުނުދިޔަ އެވެ. އަދި މަގުތަކަށް ނިކުމެ ކުދިކިޔައި ސަރުކާރާ އިދިކޮޅު ބައިގަނޑު ބޮޑުކުރަން މަސައްކަތް ފެށި އެވެ. މިހަރާކާތްތައް މިހާރު ވެސް ދަނީ ކުރިއަށެވެ.

ނަގޯނޯ ކަރަބާޚްއަކީ އަޒަރުބައިޖާންގެ ބިމެކެވެ. މުޅި ދުނިޔެ ވެސް މިކަން ގަބޫލުކުރެ އެވެ. އެކަމަކު އެތަނުގައި ބާރު ހިންގަނީ އަރުމީނިއާ ސިފައިންނެވެ. އަޒަރުބައިޖާނުން ނަގޮނޯ ކަރަބާޚް ހޯދަން އެތައް ފަހަރަކު ހަނގުރާމަކުރި ނަމަވެސް ލިބޭ ގޮތެއް ނުވި އެވެ. އެހެން ނަމަވެސް، މިދިއަ އަހަރު ސެޕްޓެމްބަރު 27 ދޭން ފެށި ހަމަލާތައް 44 ދުވަހަށް ދިގުދެމިގެން ދިއައިރު، އަރުމީނިއާއަށް ފޫބައްދަން ދަތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަރުމީނިއާއަށް އަމާން ދޭން މަޖުބޫރުވި ހިސާބަކީ މިއީ އެވެ.