ދީން

ރަސޫލާއަށް ސަލަވާތް ލެއްވުން އެދި ދުއާ ކުރުން

ހުކުރު ދުވަހަކީ ހަފްތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތްވެގެންވާ ދުވަހެވެ. ހުކުރު ދުވަހުގެ އެންމެ މުހިންމު އެއް އަޅުކަމަކީ، ހުކުރު ޚުޠުބާ އަޑުއެހުމާއި ހުކުރު ނަމާދު ކުރުމެވެ. ކޮންމެ ހުކުރު ދުވަހަކު، ހުކުރު ޚުޠުބާގައި އަޅުގަނޑުމެންނަށް އަޑުއިވޭ އާޔަތެއް އޮވެއެވެ. ނަމަވެސް އެއާޔަތުގެ ޙަޤީޤީ މާނައަކީ ކޮބައިތޯ ބައެއް ފަރާތްތަކުން ސުވާލު ކުރެއެވެ.

އެއާޔަތަކީ، ﴿ إِنَّ اللَّهَ وَمَلاَئِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا ﴾ (الأحزاب: ٥٦) މާނައީ: "ހަމަކަށަވަރުން، ﷲއާއި، އެކަލާނގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވަތެވެ. އޭ އީމާންވެއްޖެ މީސްކަތުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމް ލެއްވުން އެދި ތިޔަބައިމީހުން ގިނަގިނައިން ދުޢާ ކުރާށެވެ!"

މިއާޔަތާމެދު ވިސްނާލައި، އިތުރަށް އާޔަތުގެ މާނަ ދޭހަކުރުމަށްޓަކައި ކޮންމެހެން އެނގެންޖެހޭ ދެތިންކަމެއް އެބައޮތެވެ. އެއީ، މާތް ﷲ އާއި އެއިލާހުގެ މަލާއިކަތުން ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ލެއްވުމޭ އޮތް ބަސްފުޅުގެ މާނައަކީ ކޮބައިތޯއެވެ؟ އަނެއް ސުވާލަކީ މީސްތަކުން މާތް ނަބިއްޔާ صلى الله عليه وسلم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރުމުގެ މާނައަކީ ކޮބައިތޯއެވެ؟ މި ދެސުވާލުގެ ޖަވާބު ދެނެގަތުމަށްޓަކައި، صلاة ގެ ބަހުގެ މާނައާއި ޝަރުޢީ މާނަ ދެނެގަތުން މުހިންމެވެ. އަދި މިއާޔަތުގެ މާނައިގައި ތަފްސީރު ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތަކާމެދު ވިސްނައިލުންވެސް މުހިންމެވެ.

صلاة ގެ ބަހުގެ މާނަ

ޢަރަބި ބަހުގައި صلاة ގެ ބަހުގެ މާނައަކީ ހެޔޮ ދުޢާ ކުރުމެވެ. މި މާނައިގައި صلاة ގެ ލަފުޒު އަންނަނިވި އާޔަތުގައި ވާރިދުވެފައިވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿ وَصَلِّ عَلَيهِم إِنَّ صَلاتَكَ سَكَنٌ لَهُم ﴾ (التوبة: 103) މާނައީ: "އަދި އެއުރެންނަށްޓަކައި ކަލޭގެފާނު ދުޢާ ކުރައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ ދުޢާއަކީ، އެއުރެންނަށްއޮތް ހިތްހަމަޖެހުމަކާއި، ރަޙުމަތެކެވެ. ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

އަލްއިމާމުއްނަވަވީ رحمه الله ވިދާޅުވެފައިވެއެވެ. "ބަހުގެ ގޮތުން صلاة އަކީ: ދުޢާއެވެ. ނަމާދަށް صلاة އޭ ކިޔުނީ ނަމާދު ބިނާވެފައިވަނީ ދުޢާތަކެއްގެ މައްޗަށް ކަމުގައިވާތީއެވެ. މިކަލިމައިގެ މާނައިގައި ބުނެވޭ އެއްމެ ޞައްޙަ ބަހަކީ މިއީއެވެ. މިއީ ބަހުގެ ޢިލްމުވެރެންގެ ތެރެއިން ގިނަ ބޭކަލުންގެ ބަސްފުޅެވެ." [المجموع (3/3)]

އިބްނުލް ޤައްޔިމު رحمه الله ވިދާޅުވެފައިވެއެވެ. "صلاة މި ކަލިމައިގައި ދެ މާނައެއް އެކުލެވެއެވެ. އެއް މާނައަކީ: الدُّعاء އާއި التبريك އެވެ. (ދޫޢާ އާއި ބަރާކާތެވެ.) އަނެއް މާނައަކީ العِبادَة (އަޅުކަން) އެވެ."[بدائع الفوائد]
މާތް ﷲ އާއި މާލާއިކަތުން ޞަލަވާތް ލެއްވުމޭ ބުނެވޭ ބަހުގެ މާނަ އިސްވެދިޔަ އާޔަތުގައިވާ " ﷲއާއި، އެކަލާނގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވަތެވެ." އޮތް ބަސްފުޅުގެ މާނައާމެދު މުފައްސިރުންގެ އެތައް ބަސްފުޅުތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ ރަނގަޅުކަމުގައި ދަންނަބޭކަލުން ދެކެވަޑައިގަންނަވާ ދެ ބަސްފުޅު މިތާ ހިމަނައިލާނަމެވެ.

އެކެއް: މާތް ﷲ ޞަލަވާތް ލެއްވުމޭ އޮތް ބަސްފުޅުގެ މާނައަކީ މަލާއިކަތުންގެ ޙަޟުރަތުގައި، ކީރިތި ރަސޫލާ صلى الله عليه وسلم އަށް އެއިލާހު ސަނާ ދެންނެވުމެވެ. މަލާއިކަތުންގެ ޞަލަވާތަކީ ކީރިތި ރަސޫލާ صلى الله عليه وسلم އަށް ރަޙުމަތް ލެއްވުމަށް ކުރައްވާ ދުޢާއެވެ. މިބަސްފުޅަކީ އިބްނުލް ޤައްޔި رحمه الله އާއި އިބްނު ޙަޖަރު رحمه الله ގެ ވެސް ބަސްފުޅެވެ.

ދޭއް: ޞަލަވާތް ލެއްވުމުގެ މާނައަކީ ބަރަކާތް ލެއްވުމެވެ. މިއީ އައްޠަބަރީ رحمه الله ގެ ބަސްފުޅެވެ. އިބްނު ޢައްބާސް رضي الله عنهما ވިދާޅުވެފައިވެއެވެ. "ސަލަވާތް ލެއްވުމަކީ ބަރަކާތް ލެއްވުމަށް އެދުމެވެ." އެބަހީ: އިތުރު އެކަލޭގެފާނަށް ބަރަކާތް ލެއްވުންއެދި މަލާއިކަތުން ދުޢާ ދެންނެވުމެވެ.

އިބްނުލް ޤައްޔިމު رحمه الله ވިދާޅުވެފައިވެއެވެ. "ޞަލަވާތް ލެވުމޭ އޮތް ބަސްފުޅުގެ މާނައަކީ ބަރަކާތް ލެއްވުމޭ ބުނެވޭ ބުނުމާއި، މަލާއިކަތުންގެ އަރިހުގައި، މާތް ﷲ، ރަސޫލާ صلى الله عليه وسلم މާތް ކުރައްވައި، މަތިވެރިކުރައްވައި، ސަނާ ދެންނެވުމޭ އޮތް ބަސްފުޅާ އެއްވެސް ފުށު އެރުމެއް ނުވެއެވެ. އެހެނީ ބަރަކާތް ލެއްވުމަކީ، ސަނާ ދެންނެވުމުގެ މާނައިގެ ތެރެއިން ހިމެނޭކަމެކެވެ. މިކަމައްޓަކައި އިބްރާހީމީ ޞަލަވާތުގައިވެސް، ޞަލަވާތާއި އެކު ބަރަކާތުގެ ލަފުޒު އެކުއެކީގައި އާދެއެވެ."

މުއުމިނުތަކުން އެކަލޭގެފާނަށް ޞަލަވާތްލެއްވުން އެދި ދުޢާ ކުރުން

އިސްވެ ދެންނެވުނު އާޔަތުގައި ވަޙީކުރައްވާފައިވަނީ ﴿ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا ﴾ މާނައީ: "ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތްލެއްވުން އެދި ދުޢާކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމްލެއްވުންއެދި ތިޔަބައިމީހުން ގިނަގިނައިން ދުޢާ ކުރާށެވެ!"

މިއާޔަތުގައި ﴿ صَلُّوا عَلَيْهِ ﴾ އޭ އޮތް ބަސްފުޅުގެ މާނައަކީ އެކަލޭގެފާނަށް ޞަލަވާތް ލެއްވުން އެދި ތިޔަބައިމީހުންގެ ވެރިރައްބަށް ދުޢާ ކުރާށެވެ. މިތާނަގައި ޞަލަވާތުގެ މާނައަކީ މަތިވެރިކުރުމެވެ. ދުނިޔޭގައި އެކަލޭގެފާނުގެ ޒިކުރު މަތިވެރިކުރައްވައި، އެކަލޭގެފާނު ގެންނެވި ދީން ހުރިހާ މީސްތަކުންގެ މައްޗަށް ފާޅުކުރައްވައި، އެކަލޭގެފާނުގެ ޝަރީޢަތް ދެމިގެންދާ ގޮތުގައި ލަހައްޓަވައި، އާޚިރަތުގައި، އެކަލޭގެފާނަށް މަތިވެރި ޖަޒާ ދެއްވައި، އުއްމަތުގެ މީސްތަކުންނަށް ޝަފާޢަތްތެރިވުމާއި، މަތިވެރިވެގެންވާ المقام المحمود (ޙަމްދު ލިބިގެންވާ މަޤާމު) ދެއްވުން އެދި ދުޢާ ކުރުމެވެ.

ނަބިއްޔާއަށް ޞަލަވާތް ލެއްވުންއެދި ދުޢާ ކުރުމުގެ ފައިދާ

މުއުމިނުންތަކުން ނަބިއްޔާ صلى الله عليه وسلم އަށް ޞަލަވާތް ލެއްވުން އެދި ދުޢާ ކުރުމަށް މާތް ﷲ ވަނީ އަންނަވާފައެވެ. އަދި ނަބިއްޔާ صلى الله عليه وسلم އަށް އެއްފަހަރު ޞަލަވާތް ކިޔަވައިފި މީހަކަށް، މާތް ﷲ ދިހަފަހަރު ޞަލަވާތް ލައްވާނޭކަމުގައި ޙަދީޘްތަކުގައިވަނީ ބަޔާންކުރައްވާފައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم އަށް ޞަލަވާތް ލެއްވުންއެދި ދުޢާ ކުރުމަކީ މުއުމިނުންތަކުންނަށް އެކަމުގެ ދަރުމަޔާއި ސަވާބު ނުހަނު ބޮޑުވެގެންވާ ކަމެކެވެ.

އިތުރު އެކަލޭގެފާނަށް ޞަލަވާތް ކިޔެވުމުގެ ފައިދާތަކުގެ ތެރެއިން އިބްނުލް ޤައްޔިމު رحمه الله ބަޔާންކުރައްވާފައިވާ ބައެއް ކަންކަން ތިރީގައި ހިމަނައިލާނަމެވެ.

* ނަބިއްޔާ صلى الله عليه وسلم އަށް ޞަލަވާތް ލެއްވުންއެދި ދުޢާކުރުމަކީ މާތް ﷲ ގެ އަމުރުފުޅަށް ކިޔަމަންގަތުން އެކަމުގައި ހިމެނޭ ކަމެކެވެ.

* ނަބިއްޔާ صلى الله عليه وسلم އަށް ޞަލަވާތް ލެއްވުންއެދި ދުޢާކުރާ ކޮންމެ މީހަކަށް ދިހަފަރު މާތް ﷲ ޞަލަވާތް ލައްވާނޭކަމުގައި ވަޢުދުވެވޮޑިގެންފައިވެއެވެ. ވީމާ އެކަމަކީ މާތް ﷲ ގެ ޞަލަވާތް ޙާޞީލުކޮށްދޭ ކަމެކެވެ.

* އެއީ ޞަލަވާތް ކިޔަވާމީހާގެ ކުއްފާފައިން ފުއްސަވައިދެއްވާ ކަމެކެވެ.

* ނަބިއްޔާ صلى الله عليه وسلم އަށް ޞަލަވާތް ލެއްވުންއެދި ދުޢާ ކުރުމަކީ، އެ ދުޢާ ކުރާ މީހާ ޤިޔާމަތް ދުވަހުގައި މާތް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ލެއްވުމުގެ ސަބަބެއްކަމުގައި ވެގެންދެއެވެ.

* ނަބިއްޔާ صلى الله عليه وسلم އަށް ޞަލަވާތް ލެއްވުންއެދި ދުޢާކުރުމަކީ ދަހިވެތި މީހާގެ ނަންއެޅުމުން ސަލާމަތްކޮށްދޭ ކަމެކެވެ. އެހެނީ އެންމެ ދަހި މީހަކީ ކީރިތި ރަސޫލާ صلى الله عليه وسلم ގެ ނަންފުޅު ޒިކުރު ކުރެވޭހިނދު، އެކަލޭގެފާނަށް ޞަލަވާތް ނުކިޔަވާ މީހާ ކަމުގައި ޙަދީޘްފުޅުތަކުގައި ބަޔާންވެފައި ވެއެވެ.

* ނަބިއްޔާ صلى الله عليه وسلم އަށް ޞަލަވާތް ލެއްވުންއެދި ދުޢާ ކުރުމަކީ، ދުޢާ ކުރާ މީހާގެ މައްޗަށް ބަރަކާތް ލައްވައި، ހެޔޮކަން އިތުރުކޮށްދެއްވާ ކަމެކެވެ.

* ނަބިއްޔާ صلى الله عليه وسلم އަށް ޞަލަވާތް ލެއްވުންއެދި ދުޢާ ކުރުމަކީ، މާތް ﷲގެ ދީލަތިވަންތަކަމާއި، ރަޙްމަތް ޙާޞީލުކޮށްދޭ ކަމެކެވެ.

* ނަބިއްޔާ صلى الله عليه وسلم އަށް ޞަލަވާތް ލެއްވުންއެދި ދުޢާ ކުރުމަކީ، ކީރިތި ރަސޫލާ صلى الله عليه وسلم ގެ ލޯބި ޙާޞިލުކޮށްދޭ ކަމެކެވެ. އަދި ކީރިތި ރަސޫލާ صلى الله عليه وسلم އަށް ލޯބިކުރުމަކީ މާތް ﷲ އަށް ލޯބިވުމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

* ނަބިއްޔާ صلى الله عليه وسلم އަށް ޞަލަވާތް ލެއްވުންއެދި ދުޢާ ކުރުމަކީ އީމާންކަން ހަރުދަނާކުރުވާ ކަމެކެވެ.

* ނަބިއްޔާ صلى الله عليه وسلم އަށް ޞަލަވާތް ލެއްވުންއެދި ދުޢާ ކުރުމަކީ ދީނުގައި ސާބިތުކަން ދެއްވާ ކަމެކެވެ. އަދި އާޚީރަތުގައި ސިރާތު މަގުގައި ފަތިލަ ސާބިތުކޮށްދެއްވާ ކަމެކެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم އަށް ޞަލަވާތް ލެއްވުންއެދި ދުޢާކުރުމުގެ ފައިދާތަކުގެ ތެރޭގައި ތިރީސް ފަސް ކަމެއް އިބްނުލް ޤައްޔިމު رحمه الله ޒިކުރުކުރައްވާފައެވެ. އެހުރިހާކަމެއް މި ލިޔުމުގައި ހިމެނުމަކީ ދަތި އުނދަގޫކަމެކެވެ. ނަމަވެސް ދަންނާށެވެ. މާތް ނަބިއްޔާ ނަބިއްޔާ صلى الله عليه وسلم އަށް ޞަލަވާތް ލެއްވުންއެދި ދުޢާ ކުރުމަކީ ތިމާގެ ފާފަ ފުއްސަވައި ދަރަޖަ މަތިވެރިކުރައްވާ ކަމެކެވެ. އަދި ހުކުރު ދުވަހު އެކަލޭގެފާނަށް ޞަލަވާތް ލެއްވުން އެދި ގިނަގިނައިން ދުޢާ ކުރުމަކީވެސް ސުންނަތެކެވެ.