ފިނިޕޭޖް

އީސަ: ޒުވާން ޅެންވެރިން އުފެއްދުމުގައި

އީސާ ޝަރީފް(އީސަ) އަކީ އަބަދުވެސް ފާހަގަ ކޮށްލެވޭ ފަންނާނެކެވެ. ފިލްމު ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓް ކޮށްފައިވާ ޕްރޮޑިއުސަރެއް /ޑައިރެކްޓަރެކެވެ. އީސަގެ ފިލްމީ ކެރިއަރު ނިންމާލުމަށް ފަހު ގިނަ ވަގުތު ހުސް ކޮށްފައި ވަނީ ޅެންވެރި ކަމަށެވެ.

މާލެއަށް އުފަން، އުމުރުން 59 އަހަރުގެ އީސަގެ ފިލްމީ މަސައްކަތްތައް ފެށީ ފިލްމް "ނުފޫޒު" އިންނެވެ. އެ ފެށުމާއެކު ގިނަ ފިލްމުތަކެއް އުފައްދާ ހުނަރުވެރި އެތައް އެކްޓަރުން / އެކްޓްރެސް އިން ނެރެދިނެވެ. ސައްބީސް ފިލްމެއް އުފެއްދި އީސަގެ ގިނަ ފިލްމުތަކަށް ގައުމީ ފިލްމު އެވޯޑްސްގައި ވަނަތައް ލިބުނެވެ.

އެ ދުވަސްތަކުގައި ވެސް ގިނަ ލަވަތަކަކަށް އީސް ޅެން ހެދި އެވެ. އެ މަަސައްކަތުގައި 30 އަހަރު ހޭދަކޮށް މިހާތަނަށް 2،000 ވުރެ ގިނަ ލަވައިގެ ޅެން ހަދާފައި ވެއެވެ. އޭގެ އެތައް ލަވަތަކެއް ރެކޯޑް ކޮށްފައިވާއިރު އެތައް ލަވައެއް މަގުބޫލު ވެފައި ވެއެވެ.

ޅެންވެރި ކަމަށް އީސަ ހާއްސަވީ 2017 ވަނަ އަހަރު އެވެ.

"ލަވަޔާ ޅެމާ މީ ދޭއްޗެއް. އަޅުގަނޑު ހިތަށް އެރީ ޅެންވެރިއެއްގެ ހައިސިއްޔަތުންނޭ އަޅުގަނޑު، މީހުން ދެނެގަންނަނީ. ޝާއިރެއްގެ ހައިސިއްޔަތުންނޭ... އެހެންވެ އަޅުގަނޑު ހިތަށް އެރީ ޅެން ފޮތެއް ހަދާލާނަމޭ" ޅެންވެރި ކަމަށް ހާއްސަވާން ނިންމި ސަބަބު އީސަ ބުންޏެވެ.

މިދިޔަ ތިން އަހަރު ތެރޭގައި ވެސް އޭނާ ވަނީ 500 އެއްހާ ޅެން ހަދާފަ އެވެ.

ޅެންވެރި ކަމަށް ޒުވާނުން ނެރުމަކީ ވެސް އޭނާގެ އުންމީދެކެވެ. އެކަމަށް އީސަ ވަނީ ފިޔަވަޅެއް ވެސް އަޅާފައެވެ. ޅެން ހަދަން ދަސްކޮށްދޭ ތަފާތު ސެޝަންތައް އޭނާ ހިންގަ އެވެ. އޮންލައިން ކޮށް ސެޝަންތައް ކުރިއަށް ގެންގޮސް 1،200 ވުރެ ގިނަ ދަރިވަރުންނަށް ޅެންވެރިކަން ދަސް ކޮށްދީފައި ވެއެވެ.

"ޅެންވެރިންތަކެއް އަޅުގަނޑުމެންގެ ތެރޭގައި އުފެދެން އެބަ ޖެހޭ. އެހެންވީމަ އަޅުގަނޑު މި މަސައްކަތް ފެށީ."