ދިވެހިން ވާހަކަ ދައްކާ ބަޔަކުގެ އާބާދީއެއް އޮންނަ މަލިކުގައި ކޮވިޑް-19 ޖެހުނު އެންމެން އެ ބަލިން ފަސޭހަ ވެއްޖެ އެވެ.
މަލިކަކީ ކުރީން ރާއްޖޭގެ ރަށެއްގެ ގޮތުގައި އޮތް މިހާރު އިންޑިއާގެ ރަށެކެވެ. އެންމެ ފަހުން ބޯހިމެނިއިރު އެ ރަށުގެ އާބާދީއަކީ 10،000 ނަމަވެސް މިހާރު 12،000 މީހުން އެ ރަށުގައި އުޅެ އެވެ.
އިންޑިއާއަކީ ކޮވިޑްގެ ނުރައްކާ ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު ގައުމެވެ. ނަމަވެސް ކޮވިޑް ބަލީގައި ދުނިޔެ އަހަރު ދުވަސް ހޭދަކުރިއިރު ވެސް މަލިކުގެ އެއްވެސް މީހަކަށް އެ ބަލި ޖެހިފައެއް ނުވެއެވެ. މަލިކުން ކޮވިޑް ފެނިފައި ވަނީ މި ފެބްރުއަރީގެ ކުރީކޮޅު އެވެ. އެއީ އެހެން ސަރަހައްދަކުން އެ ރަށަށް ދިޔަ އަންހެނެކެވެ.
އޭގެ ފަހުން ހަތް މީހަކަށް ކޮވިޑް ޖެހުނެވެ. މަލިކުގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އެންމެ ދޮށީ މީހަކީ 65 އަހަރުގެ މީހެކެވެ. ކޮވިޑް ޖެހުނު އެންމެ ހަގު މީހަކީ 30 އަހަރުގެ މީހެކެވެ. އިއްޔެގެ ނިޔަލަށް ކޮވިޑް ޖެހުނު އެންމެން ވަނީ ބަލިން ރަނގަޅުވެފަ އެވެ.
ކޮވިޑުން ރައްކާތެރިވުމަށް މަލިކުގައިވެސް ހާއްސަ ފިޔަވަޅުތަކެއް އެޅިއެވެ. އެގޮތުން ހަތަރު މީހުންނަށްވުރެ ގިނައިން އެއްވުން މަނާ ކުރުމާއި ކައިވެނި ޕާޓީތަކާއި ހަފުލާތައް ބޭއްވުން ވެސް މަނާ ކުރިއެވެ. އަދި ބޭރުގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރު ކުރިއެވެ.
ކޮވިޑުން ސަލާމަތްވުމަށް އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ފްރަންޓްލައިންގައި ހަރަކާތްތެރިވާ 100 އެއްހާ މީހުންނަށް ދީފައިވާ ކަމަށްވެސް އެ ރަށުން ވާހަކަ ދެއްކި އިސްވެރިޔަކު ވިދާޅުވިއެވެ.
ޕޮޒިޓިވް ކޭސްތައް ފެންނަން ފެށުމުން މަލިކުގައި ވެސް ހުކުރުގެ ޖަމާއަތް ހެދުން ހުއްޓާލި އެވެ. ނަމަވެސް ދެ ހުކުރަށް ފަހު މިއަދު އަލުން ހުކުރުގެ ޖަމާއަތް ފަށާނެ އެވެ.